އިބްރާހީމް ރާމިޒް

އޯގާތެރި ދައުލަތެއް ބިނާ ކުރުމުގެ ގޮތުން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ދައުލަތުގެ ބަޖެޓްގެ ދިހަ ޕަސެންޓް ޚަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭ ސިޓީ ކައުންސިލަށް ހުޅުހެންވޭރު ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުޅުމާލޭގައި މައިޒާން އަލިމަނިކުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރާއްޖޭގައި މިދިޔަ 2010 ވަނަ އަހަރު، ބަޖެޓްގެ 10 ޕަސެންޓްޚަރަދުކުރީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެއީ 1.2 ބިލިޔަން ރުފިޔާކަމަށާއި ދުވަހަކުވެސް މިރާއްޖެއަކު އެދަރަޖައަކަށް، އެއަދަދަކަށް އިޖްތިމާއީ ރައްކާތެރިކަމަކަށްޚަރަދުކުރެވިފައެއް ނުވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ” މިދެންނެވި ޕަސެންޓޭޖަކީ ވެލްފެއަރ ސްޓޭޓކަށް، ނުވަތަ އަޅުގަނޑުމެން މިދަންނަވާ އޯގާތެރި ދައުލަތްގާއިމް ކުރުމަށްޓަކައި، ޔޫރަޕްގެ ގައުމުތަކުން ވެސް ނިސްބަތުން ޚަރަދުކުރިވަރު.”
މި ރަސްމިއްޔާތުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ރޮނގުން މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ އެހީތަކުގެ ތަފްސީލުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ. އަދި ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ބަނޑުހައި ހޫނުކަމުގައި ތިއްބާ ތަރައްގީ ގެންނަން އުނދަގޫވާނޭ ކަމަށާއި، ހަގީގީ ތަރައްގީއަކީ ރައްޔިތުމީހާ ތަރައްގީވުން ކަމަށް ރައީސް ވިދާޅުވިއެވެ.