ސަރުކާރުން ލަފާކުރި ވަރަށް ވުރެ ހަލުވިކޮށް ދަތުރުފަތުރުގެ ނިޒާމްގެ ޚިދުމަތް ކުރިއަރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ރައީސް ދިއްދޫގައި ވާހަކަފުޅުދައްކަވަނީ ...ފޮޓޯ/މުޙައްމަދު އަލީ
ރައީސް ދިއްދޫގައި ވާހަކަފުޅުދައްކަވަނީ ...ފޮޓޯ/މުޙައްމަދު އަލީ

ސަރުކާރުން ލަފާކުރި ވަރަށް ވުރެ ހަލުވިކޮށް ދަތުރުފަތުރުގެ ނިޒާމްގެ ޚިދުމަތް ކުރިއަރަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމުގެ މަޝްރޫޢު، ސަރުކާރުން ފެށްޓެވިތާ މިއަދު 2 އަހަރު ފުރުމުގެ މުނާސަބަތުގައި، މިއަދު ހަވީރު ހުޅުމާލޭގެ މާލެ ފެރީ ޓަރމިނަލް ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ބައެއް ޕްރޮވިންސްތަކުގައި، ދަތުރުފަތުރުގެ ނިޒާމް ކުރިއަރާފައިވާ މިންވަރު އެހެން ޕްރޮވިންސްތަކަށްވުރެ ހީނަރު ކަމަށްވީނަމަވެސް، ހުރިހާ ޕްރޮވިންސެއްގައިވެސް އަސާސީ ޚިދްމަތްތައް ދެވެމުން ގެންދެވޭ ކަމުގައި ވިދާޅުވިއެވެ. އަދި މެދު ޕްރޮވިންސްގައި މި ޚިދުމަތް ދެމުންގެންދާ ކުންފުނިން ޒަމާނީ ފެރީ ބޭނުންކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިޚިދްމަތްތައް ތަރައްޤީ ކޮށް، މި ނިޒާމް ފުރިހަމަކުރުމަކީ ކުރިއަށް އޮތް 3 އަހަރު މި ސަރުކާރުން ކޮށްނިންމާނެ ކަމެއް ކަމުގައި ރައީސްވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމް ކުރިއަރައި ތަރައްޤީވަމުންދާ ވަރަކަށް، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި ލުއިތައް ރައްޔިތުންނަށް ސާފުވަމުންދާނޭ ކަމުގައި ވިދާޅުވަމުން، ކައިރިރަށަކުން އައިސްކްރީމެއް ބޯލައިގެން ހަމަ އެދުވަހު ރަށަށް އެނބުރި އާދެވޭ ފެންވަރަށް ދަތުރުފަތުރުގެ ނިޒާމް ތަރައްޤީކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުމްލަ 7 އަހަރު ދުވަހުގެތެރޭގައި ޚިދުމަތް ފުރިހަމަކުރާ ގޮތަށް ހުރިހާ ޕްރޮވިންސެއްގައި ވެސް އަސާސީ ޚިދުމަތް ފެށިފައިވާ މި މަޝްރޫޢު ގިނަ ޕްރޮވިންސްތަކުގައި ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށްދާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އަދި މި ނިޒާމްގެ ސަބަބުން މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ބަދަލުވެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. .