ވީހާވެސް ގިނަ ވަޒީފާގެ ފުރުސަތުތައް އުފެއްދެވުމަކީ މިފަހަރުގެ ބަޖެޓްގެ ވަރަށް ބޮޑު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި

ރާއްޖޭގައި ވީހާވެސް ގިނަ ވަޒީފާގެ ފުރުސަތުތައް އުފެއްދެވުމަކީ 2011 ވަނަ އަހަރުގެ ބަޖެޓްގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހަވީރު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަޒީފާދޭ ފަރާތަކީ ހަމައެކަނި ސަރުކާރު ކަމުގައި ދެކިގެން ނުވާނެކަމަށާއި، އިތުބާރު ކުރެވޭ ވަޒީފާތަކުގެ ފުރުސަތު ރަށްރަށުގައި ހުޅުވާލެވިގެން ނޫނީ ތަރައްޤީ ނުގެނެވޭނެ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އަމިއްލަ ވިޔަފާރިއަށް ލުއި ލޯނާއި، ސަރުކާރުގެ ގެރެންޓީ ދީގެން، ވިޔަފާރިތައް ތަރައްޤީކޮށް ވިޔަފާރިތަކުގެ ތެރެއިން ވަޒީފާތައް އިތުރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެކަންކަން ފެނިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ދަށުން، ހިތާދޫއަށް މިހާތަނަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ ތަފްޞީލު، ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ހިތާދޫގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިވާ ބައެއް ޕްރޮގްރާމްތަކުގެ މަޢްލޫމާތުވެސް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އެގޮތުން، ހިތާދޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިތާދޫއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ވަރަށްހޫނު މަރްޙަބާއެއް ދެންނެވިއެވެ. ހިތާދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ހިތާދޫގެ އާންމު ޙާލަތު ބައްލަވައިލައްވައި ރަށުތެރޭގައި ހިންގަވާލެއްވިއެވެ.