ދިވެހިރައްޔިތެކޭ ބުނެވޭނީ ފައިހަރުކޮށްލާނެ ބިންކޮޅެއް އޮތުމުން ކަމަށް ރައީސް ވިދާޅުވެއްޖެ

ާ
– އެމްޑީޕީން ގޮޅި ހުސްވާނެ ކުޅިއެއް ނުކުޅޭނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތެކޭ ބުނެވޭނީ ފައިހަރުކޮށްލާނެ ބިންކޮޅެއް އޮތުމުން ކަމަށާއި، ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މާލެ ކައިރީގައިވާ ފަޅުތައް ހިއްކައިގެން ކުރިޔަށް ގެންދެވެން އެބައޮތް ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވެން އޮތީ ސަރުކާރަށް އެއްބާރުލުންދޭ ސިޓީ ކައުންސިލެއް މާލޭގައި އިންތިޚާބު ކުރެވިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ މާފަންނު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ފަލާޙްގެ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނީ މާލޭގެ ރައްޔިތުންނަށް ރީތި ތަނަވަސް ދިރިއުޅުމެއް ހޯދަން ކަމަށާއި، އެމްޑީޕީއަށް އެކަން ކުރެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
” މާލެ ބަދަލުކުރުމުގެ ވިސްނުން، އަދި މި މާލެއަށް އަޅުގަނޑުމެން ގެންނާން ބޭނުންވާ ކުލަ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އިނގޭ.އަޅުގަނޑުމެން މި މަސައްކަތަށް ނުކުމެ މިތިބެނީކީއެއް ދެންވާންވީ ގޮތް ނޭނގިއެއް ނޫން އަދި ހަދާންވީ ގޮތް ވެސް ނެނގިއެއް ނޫން. އެމްޑީޕީއެއް ގޮޅި ހުސްވާނެ ކުޅިއެއް ނުކުޅޭނެ.” ރައީސް ވިދާޅުވިއެވެ.
މާލޭގެ ގިނަ ރައްޔިތުންނަކީ ފަގީރުން ކަން އެމްޑީޕީއަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، މިދެންނެވި ފަރާތްތަކުގެ ތެރެއިން 12،000 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ އާބާދީގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭންވީ އެއް ސަބަބަކީ މާލޭގެ ނިކަމެތިންނަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވެރިކަމުގެ ބާރު ކުޑަނަމަވެސް މިންވަރަކަށް އަތުން ދޫކޮށްލުމަކީ ރާއްޖޭގައި ކުރިން ވެރިކަންކުރެއްވި އެއް ވެސް ވެރިޔަކު ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީން ވެރިކަމާއި ހަވާލު އިރު ޤާނޫނުލް އުޤޫބާތާއި އެހެނިހެން އާންމުޤާނޫނުތައް ވެސް ހުރި ގޮތަށް ހުރި ކަމަށާއި، އެމްޑީޕީން ބޭނުންވި ނަމަ އެބާރުތައް ރަގަޅަށް އަތަށް މަހާލައި، ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރު ވަންދެން ވެރިކަން ނުވެއްޓޭނެ މިންވަރަށް ޚުދުމުޚްތާރު ވެރިކަމުގެ ބާރު ގަދަ ކުރެވުނީސް ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން އެގޮތް ބޭނުން ނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެމްޑީޕީން ނިންމީ ، އެމްޑީޕީން ބޭނުންވަނީ ވެރިކަމުގެ ބާރުތައް ރައްޔިތުންނަށް ދޭށޭ.އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ އިޙްސާސްއާ، ރައްޔިތުންގެ އެދުމާ، ރައްޔިތުންގެ ވިންދާ އެއް ގޮތަށް ވެރިކަންކުރާށޭ.. އެހެންވީމާ ލޯކަލް ކައުންސިލް އެމްޑީޕީއަށް މުހިންމު ވަނީ.” ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަކީ އެމްޑީޕީ ނޫން އެހެން ބަޔަކު ކުރަން ބޭނުންވި ކަމެއް ނޫން ކަމަށާއި، އެހެން ކަމުން އެހެން ކަމުން ލޯކަލް ކައުންސިލް މެދުވެރިކޮށް ވެރިކަން ހިންގާނެ ގޮތާއި އެ ކަމުގެ ވައްޓަފާޅި އެމްޑީޕީ ނޫން އެހެން ބަޔަކަށް ނޭނގޭނޭ ކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ.