އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ އުޞޫލެއް ހަމަޖެއްސިފައިވާކަމީ ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް – ރައީސް

އިބްރާހީމް ރާމިޒް

1-450-x-299

އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ އުޞޫލެއް، އިންތިޒާމެއް މިހާރު ހަމަޖެއްސިފައިވާކަމީ، ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެއަތޮޅު ދަރަވަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ އިޤްތިޞާދު ދިރުވުމަށްޓަކައި، އެރަށްރަށަށް އަބަދުވެސް ފައިސާ ޚަރަދުކުރަންޖެހޭނޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ވަޒީފާއަކީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކީގައި ހުޅުވާލެވޭނެ ވަޒީފާއެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވީމާ، ރަށްރަށުގައި އެހެން ވަޒީފާތައް އަދާކުރެވޭނެ ފުރްޞަތުތައް ފަހިވުމަކީ، އެރަށަކަށް އިތުރު ތަރައްޤީ ލިބޭނެ ކަމެއް ކަމަށާއި، ކޮންމެ މަހަކުވެސް، އެރަށެއްގެ އިޤްތިޞާދަށް ކޮންމެވެސް މިންވަރަކަށް ފައިސާ ނުދެވޭ ކަމަށްވާނަމަ، އެރަށެއްގެ ޢާންމު ޙާލަތު ވަރަށް ދަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އަމާޒުގައި ދަރަވަންދޫގެ ތަރައްޤީ އެބައޮތް ކަމަށާއި، ދަރަވަންދޫގެ ރައްޔިތުންނަށް އާމްދަނީގެ ފުރްޞަތުތައް ލިބި، އަދި އެމީހުންނަށް އުފާވެރި ޙަޔާތެއް ހޯއްދަވައިދެއްވުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، މި ސަރުކާރުން ދަރަވަންދޫގެ ރައްޔިތުންނަށް އެކި ރޮނގުތަކުން ވެދެއްވާފައިވާ އެހީތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.