ތާރީޚް: 28 މާރޗް 2010 (އާދީއްތަ)
ދިވެހިރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން ރައްޔިތުންގެ ރުހުމާއި ތާޢީދާއެކު ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ޑީއާރުޕީގެ ބައެއް އިސްވެރިން ފާޅުގައި ޤާނޫނީ އިމުން ބޭރުން ކުރަމުންދާ މަސައްކަތްތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިޕާޓީން ދެކޭގޮތުގައި ޑީއާރުޕީން ޤާނޫނު އަސާސީ ޢާއި ރާއްޖޭގައި ހެދިފައިވާ އާންމު ގަވާއިދުތަކާއި ޚިލާފަށް ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކަކީ މާލޭގެ އަމަންއަމާންކަން ނަގާލައި، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންނާއި ސަރުކާރާއި މެދު ނަފްރަތު އުފައްދައި މާލެތެރެ ހަލަބޮލިކޮށް ހަމަޖެހުން ނަގާލުމަށް ގަސްދުގައި ހިންގާ ފިނޑި އަމަލުތަކެކެވެ. އަދި މިމުޒާހާރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ޑީއާރުޕީގެ ބައެއް އިސްވެރިން އިސްވެ ތިއްބަވައިގެން އެއްވެ އެކޮޅުގެ ގޭޓަށް އަރައި ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިޕާޓީން ދެކޭގޮތުގައި ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަގުމައްޗަށް ނިކުމެ، އެމްޑީޕީން ދީނީ ދަރުސެއް ބާއްވަމުން ދަނިކޮށް، އެމާތް އިހްތިފާލުގެ ހުރުމަތް ކަނޑާލައި، ރާއްޖޭގައި ޒަމާނުއްސުރެ ޤާއިމްވެފައިވާ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ލައުޑް ސްޕީކަރު ބޭނުންކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް ލަވަޖެހުމުގެ އިތުރުން، ޑީއާރުޕީން ހިންގާފައިވާ އަމަލުތަކަކީ މިހާތަނަށް ދިވެހި ތާރީޚް ދެކެފައި ނުވާފަދަ ލާދީނީ އަމަލުތަކެއް ކަމުގައެވެ.
ޤާނޫނުގެ ތަރަހައިން ބޭރުގައި ޑީއާރުޕީގެ އިސްވެރިންނާއި އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ކުރަމުންދާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މިޕާޓީން ގޮވާލަމެވެ. އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޑީއާރުޕީއަށް މިޕާޓީން ކެނޑިނޭޅި ކުރަމުންދާ އިލްތިމާސް މިފުރުޞަތުގައި ތަކުރާރުކޮށް ހަނދާންކޮށްދެމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް