25 މާރޗް 2010
އެއްވެސް ސިޔާސީ ކުލައެއް ނުޖެހި ބޭއްވި ދީނީ ދަރުސަކަށް ހުރަސް އެޅުމަކީ ބުއްދި ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށާއި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެކްޓިވިސްޓުންގެ ކިބައިގައި މިފަދަ އަމަލުތަކެއް ހުރީތީ ހިތާމަކުރާ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު އަލްޙާފިޒް އަހުމަދު ޒަކީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޢާއި ޖަމިއްޔަތުލް ޚައިރު ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ދަރުސަށް ޑީއާރުޕީން ހުރަސް އަޅައި ހަމަނުޖެހުން ހިންގި ހާދިސާއާ ގުޅިގެން އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ މިދަރުސަކީ އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ޖެހިގެން ބޭއްވި ދަރުސެއް ނޫން ކަމަށާއި އެމްޑީޕީއާއި ޖަމިއްޔަތުލް ޚައިރު ގުޅިގެން މިދަރުސް ބޭއްވި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ޝިއާރެއް މި ދަރުސްގައި ފާޅުކޮށްފައި ނުވާ ކަމުގައެވެ. އެގޮތުން މިޖަލްސާ ފެށުމުގެ ކުރިން އެމްޑީޕީގެ ލަވަ ޖެހުމުގެ ބަދަލުގައި ޖަހާފައިވަނީ ކީރިތި ޤްރުއާން ކަމުގައި ހާފިޒް ޒަކީ ވިދާޅުވިއެވެ. އަދި މިދަރުސަށް ތައްޔާރުވާން ފެށީއްސުރެ ޑީއާރުޕީގެ ބަޔަކު އާޓިފިޝަލް ބީޗަށް ވަދެ އެތަނުގައި އަތުރާފައިވާ ގޮނޑިތައް ތިން ފަހަރެއްގެ މަތިން ހޫރާލާފައިވާ ކަމުގައި ވެސް ހާފިޒް ޒަކީ ވިދާޅުވިއެވެ.
މިދީނީ ޚާއްސަ ދަރުސް ބާއްވަމުން ދަނިކޮށް ޑީއާރުޕީގެ ހަރުގެ ތެރޭގައި މިދަރުސަށް ހުރަސް އެޅުމަށް އަޑުގަދަކޮށް އެވަރުން ވެސް ދަރުސް ހުއްޓާނުލުމުން ދަރުސް އަޑުއެހުމަށް ގޮސްތިބި މީހުންނާއި ދިމާލަށް ގާއުކަން ފެށުމުގެ ސަބަބުން މަސްރަހު ހޫނުވެ ފުލުހުން އެސަރަހައްދު ކޮންޓްރޯލް ކުރަންޖެހުނީ ބާރުގެ ބޭނުންކޮށްގެންނެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖަމިއްޔަތުލް ޚައިރުގެ ފަރާތުން އެޖަމިއްޔާގެ ފައުންޑަރ މެންބަރު އަދި ނައިބް ރައީސް އުމަރު އަހުމަދު ހުސައިން ވިދާޅުވީ މިރޭގެ ހާދިސާއަކީ އެޖަމިއްޔާއަށް ލިބުނު ބޮޑު ގެއްލުމެއްގެ އިތުރުން މިއީ ދިނީ ކަންތައްތައް ރާވާ ހިންގާ މީހުންނަށް ކުރިމަތިވި ވަރަށް ބޮޑު ގެންޖެހުމެއް ނަމަވެސް މިފަދަ ދިނި ހަރަކާތްތައް ކުރިޔަށް އޮތްތަނުގައި ރާވާ ހިންގުމުގައި އެއްވެސް ވަރަކަށް ފަސް ނުޖެހެނޭ ކަމަށާއި ކޮންމެ ޕާޓީއަކުން އެދުނު ކަމުގައިވީ ނަމަވެސް އެޕާޓީއަކާ ގުޅިގެން ދީނީ ހަރަކާތްތައް ކުރިޔަށް ގެންދާނޭ ކަމުގައެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ މިރޭ ބޭއްވި ދަރުސަކީ ވަރަށް ދުރާލާ ތައްޔާރުވެގެން ބޭއްވި ދަރުސެއް ކަމަށާއި މި ޚާއްސަ ދަރުސް ބޭއްވުމަށް މާރޗް މަހުގެ 3 ވަނަ ދުވަހު އާޓިފިޝަލް ބީޗް ހޯދާފައިވާ ކަމުގައެވެ. ޝާހު ވެސް ވިދާޅުވީ ބަޔަކު ކިތަންމެ ވަރަކަށް ބިރުދައްކަން މަސައްކަތް ކުރި ނަމަވެސް ދިނީ ދަރުސްތައް ވެސް އަދި އެމްޑީޕީގެ އެހެން ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނޭ ކަމުގައެވެ. އަދި “މިދަރުސަކީ އަނދިރީގައި ސްޕީކަރެއް ބަހައްޓައިގެން ބޭއްވި ދަރުސެއް ނޫން” ކަމަށާއި “ގަދަ އަލީގައި ހާމަކަން ބޮޑު ގޮތަކަށް ބޭއްވި ދަރުސެއް” ކަމުގައި ޝާހު ވިދާޅުވިއެވެ.
މިރޭ ބޭއްވި ދަރުސަށް ހުރަސް އެޅުމަށް މިއަދުން ފެށިގެން ޑީއާރުޕީން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީން އެދުމުން ޑީއާރުޕީގެ އިސް ބޭފުޅުން މިދަރުސް ބޭއްވިޔަ ނުދޭނޭ ކަމަށާއި އެމްޑީޕީގެ ކޮންމެ ހަރަކާތަކަށް ހުރަސްއަޅާނޭ ކަމުގައި ބަޔާންކޮށް އެސްއެމްއެސް ކޮށްފައިވާ ކަމުގައި ޒަކީ ވިދާޅުވިއެވެ. އަދި މިރޭ ހިންގި ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އެގޮތުން ދަރުސް އަޑުއައްސަވަން އިންނެވި އުމުރުން ދުވަސްވީ މީހެއްގެ ބޮލުގައި ޑިއާރުޕީ ހަރުގެއިން އެއްލި ގާބުރިއަކުން ޖެހި އެމީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފައިވެއެވެ.
ޣައިރު ޤާނޫނީ އެއްވުންތަކަށް ގޮވާލާ އަދި އެއެއްވުންތަކުގައި ބައިވެރިވުމަށް އެދި ތަކުރާރުކޮށް ފުލުހުންނާއި ސިފައިންނަށް ގޮވާލަމުންދާ ބަޔަކު މިރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެންދަން ޖެހުނެވެ.