އެމްޑީޕީގެ މެންބަރުންގެ އަދަދު ތެއްތިރީސް ހާހަށް އަރައިފި

24 މާރޗް 2010

އެމްޑީޕީގެ ސައްހަ މެންބަރުންގެ އަދަދު މިއަދު ތިރީސް ތިންހާހަށް އަރައިފިއެވެ. އެހެން ކަމުން އެންމެ މެންބަރުން ގިނަ ޕާޓީ ކަމުގެ ޝަރަފް ދެ ވަނަ ފަހަރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިވަނީ ހޯދާފައެވެ.
ޕާޓީއަށް މެންބަރުން އިތުރުކޮށް ދާއިމީ ގޮތެއްގައި އެންމެ މެންބަރުން ގިނަ ޕާޓީގެ މަގާމުގައި ދެމިއޮތުމަށް އެމްޑީޕީގެ ހީވާގި މެންބަރުން ރާއްޖޭގެ ހުރިހާ ޕްރޮވިންސް އެއްގައި ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ޕާޓީއާ އަލަށް ގުޅެމުންދާ މެންބަރުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރު ވަމުންދާކަން އެމްޑީޕީން ފާހަގަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެމްޑީޕީގެ ސައްހަ މެންބަރުންގެ އަދަދަކީ 33،072 އެވެ. މިމެންބަރުންގެ އިތުރުން އަލަށް އެމްޑީޕީއާ ގުޅުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ފޮނުވާފައިވާ 3500 އަށްވުރެ ގިނަ ފޯމު އެމްޑީޕީން ވަނީ އިލެކްޝަނަށް ފޮނުވާފައެވެ.