އެމްޑީޕީގެ ޓިކެޓް ނެތި އިންތިޚާބުތަކުގައި ވާދަކުރާ އެޕާޓީގެ މެންބަރުން ޕާޓީން ވަކިކުރުމުގެ ބާރު ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަށް ދީފި

އެމްޑީޕީގެ ޓިކެޓް ނެތި އިންތިޚާބުތަކުގައި ވާދަކުރާ އެޕާޓީގެ މެންބަރުން ޕާޓީން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު އެޕާޓީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ދީފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 86 ވަނަ ޖަލްސާގައި އެޕާޓީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީން ހުށަހެޅި ގަރާރުން މިގޮތަށް ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 46 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ.
މި ޤަރާރުގައިވާ ގޮތުން” ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެ ޕާޓީގެ ޓިކެޓްނެތި، ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތްތަކާއި އިންތިޚާބުތަކުގައި ވާދަކުރާ މީހުން، ކެމްޕެއިން ކޮމިޓީގެ ރިކޮމެންޑޭޝަންގެ ދަށުން ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަށް އެކަން އެގޮތަށް ކުރަން ފެނިއްޖެނަމަ އެފަދަ މެންބަރުން ޕާޓީ އިން ވަކިކުރެވިދާނެ” އެވެ.
މިރޭ ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގައި ކުރިން ތިއްބެވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާތީ އެބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަމެއްގައި ބައިވެރިވެލެއްވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އާ ފިޔަވަޅުއަޅާ ކޮމިޓީއެއް އައްޔަންރެވުނެވެ. އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް އީވާ ޢަބްދުﷲ ހުށަހަޅުއްވައި، ވައިކަރަދޫ ދާއިރާގެ ރައީސް އަޙުމަދު ހާޝިމް (ޓިންޓިން) ތާޢީދުކުރެއްވި މި ކޮމިޓީއަށް އައްޔަންކުރެއްވުމަށް ފާސްވި 5 ބޭފުޅުންނަކީ މާފަންނު އުތުރު ދާއިރާގެ ރައީސް އަލްއުސްތާޛް އިމްތިޔާޒް ފަހުމީއާއި، ހެލްތު މިނިސްޓަރ އާމިނަތު ޖަމީލް، އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު އަލްޙާފިޒް އަޙުމަދު ޒަކީގެ އިތުރުން ކޮންގްރެސް މެންބަރު ޝުޢައިބު އަލީ އެވެ.