އިބްރާހީމް ރާމިޒް
މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ސަރުކާރަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމަށް މިއަދު އެޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަކީ އެއް ގޮތަކަށް ވެސް ކުރެވިދާނެ ކަމެއް ނޫނޭ ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށާއި، އޭރު “މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާ ރީތި ތަނަވަސް ދިރިއުޅުމެއް ހޯދައި ނުދެވިދާނެ ކަމުގެ ކަންބޮޑުވުން އޮވޭ. ބޯހިޔާވަހިކަމަށް ހައްލު ހޯދުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް.މުޅި މިރަށުގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ.” ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭގެ ބޮހިޔާވަހިކަމަށް ހައްލު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެއިން އިރަށް ހުޅުމާލެއާއި ދިމާލަށް ބެލުމުގެ ބަދަލުގައި މާލޭގެ ހުޅަނގުންހުރި ފަޅުތަކާއި، ފަރުތައް ހިއްކައިގެން އެބިންތައް އާބާދުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަސްލު މާލޭގެ ތޮއްޖެހުމަށް ހައްލު އޮތީ ވިލިނގިއްޔާ ދިމާއަށް ބަލައިގެން. ވިލިނގިލިން، ތިލަފަޅުން، ގުޅީފަޅުން، ގިރާވަރު ފަޅުން، މިހެން ގޮސް މާލޭގެ އެދުނި އެއްކޮށް ވެސް ގާތަގަނޑަކަށް، ބިން ހެދެން، ބިން އުފެދެން އެބައޮތް. އެހެންވީމަ އެބިން އުފައްދާ، އެބިންތައް ގުޅުވާ، އެބިންތަކަށް މާލޭގެރައްޔިތުންނަށް ފުރުސަތު، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުސަތު ހުޅުވާލުމަކީ އަޅުގަނދުމެންނަށް ކޮށްދެވޭނެ ކަމެއް، ކުރެވިދާނެ ކަމެއް އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް.” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދޮރުން ދޮރަށް ހިނގުމުގެ ބޭނުމަކީ ހުރިހާ ރައްޔިތުންނާ ބައްދަލުކޮށް ސީދާ ވޯޓަކަށް އެހުން ކަމަށާއި، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގެ 70 ޕަސެންޓް އެމްޑީޕީއަށް ލިބޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.