ނ.މިލަދޫއަށް ދިޔަ އެމްޑީޕީގެ ކެމްޕެއިން ޓީމަށް ޑީއާރުޕީގެ މައުމޫނުގެ ފެކްޝަނުން ހުރަސް އަޅަން މަސައްކަތްކޮށްފި

13:30 ދާދި ދެންމެއަކު ނ.މިލަދޫއަށް ދިޔަ އެމްޑީޕީގެ ކެމްޕެއިން ޓީމަށް ޑީއާރުޕީގެ ސަޕޯޓަރުން ހުރަސްއަޅައިފި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާމަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް ނ.މިލަދޫގައި ހުންނަވައިގެން ފޯނުން މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ވަފްދުން މިލަދޫއަށް އެރިއިރު “އެރަށު ބަނދަރު ސަރަހައްދުގައި ޑީއާރުޕީގެ މައުމޫނުގެ ފެކްޝަނުގެ ބަޔަކު ލައުޑް ސްޕީކަރު ބަހައްޓައިގެން ހަޑިހުތުރު ބަހުން އެމްޑީޕީގެ ވަފްދާ މުޚާތަބުކޮށް، ރައީސްއަށާއި ސަރުކާރަށް ފުރައްސާރަކޮށް ހަދާފއިވާ ލަވަ ޖަހައި، އެ ވަފްދަށް ހުރަސްއަޅަން” މަސައްކަތްކުރި ކަމަށެވެ. ނަމަވެސް 15 ވަރަކަށް މިނެޓްފަހުން ޑީއާރުޕީގެ ސަޕޯޓަރުން އެތަނުން ގޮސްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” އަޅުގަނޑުމެންނަށް މި ކެމްޕެއިންގައި މިހާތަނަށް ދިމާވި ކަމެއް ނޫން މިއީކީ. މިއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަން ހިނގައިގެންވާނެ ގޮތެއްވެސް ނޫން. އެއް ޕާޓީން އަނެއް ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް މި ވަކާލާތު ކުރަނީ. އެހެން ނަމަވެސް ޑިމޮކްރަސީއާ ބީރައްޓެހި ޑީއާރުޕީގެ މައުމޫނުގެ ފެކްޝަނުން މިކުރީ ވަރަށް ދަށުދަރަޖައިގެ ފިނޑިއަމަލެއް. އަޅުގަނޑު ޑިއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން އަލީއަށް ވެސް ގުޅާފަ މިވާހަކަ ދަންނަވައިފިން. އެބޭފުޅާ ވިދާޅުވި މިކަން ބައްލަވާނަމޭ” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މިގޮތަށް ޑީއާރުޕީގެ މައުމޫނުގެ ފެކްޝަނުން އަމަލުކުރަމުންދާނަމަ އެމްޑީޕީގެ މެންބަރުން ވެސް މަޑުން ނުތިއްބަވާނޭ ކަމަށާއި، ސިޔާސީ ސުލްހަވެރި ހަރަކާތް ހިންގަން އެމްޑީޕީގެ މެންބަރުން މާ ފަރިތަވާނޭކަން ޑީއާރުޕީން ހަނދާންކުރަންޖެހޭނޭ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބި މީހުން މިކަން ހަނދާންކުރުމަށް މޫސަ ވިދާޅުވިއެވެ.
ނ.މިލަދޫއަކީ ކުރީގެ ރައީސް އަދި ޑީއާރުޕީގެ އެއް ލީޑަރު ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމްގެ ތަރުޖަމާނު މުހައްމަދު ޝަރީފް (މޮންދޫދު) ގެ އަނބިކަބަލުންގެ އުފަން ރަށް ކަމަށް މި ސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ..