ހަތް ވަޒީރެއްގެ އާއިލާ ނިކަމެތިކޮށްލި ބަޔަކު އާންމު ރައްޔިތުން ވެސް ނިކަމެތިކޮށްލާނެ – މޫސާ މަނިކު

އިބްރާހީމް ރާމިޒް

ލިބިފައިވާ ކުދަކުޑަ ބާރެއްގެ ބޭނުންކޮށް އެއް ފަހަރާ ހަތް ވަޒީރެއްގެ މުޅި އާއިލާ ނިކަމެތިކޮށް އެ ވަޒީރުންނާމެދު އަނިޔާވެރިވީ ބަޔަކު ބާރު ލިބުމުން އާންމު ރައްޔިތުންނަށް ވެސް އަނިޔާވެރިވެ، ރައްޔިތުން ނިކަމެތިކުރާނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ނ.ވެލިދޫގައި އެރަށު ކައުންސިލާއި، ވެލިދޫ ދާއިރާއިން އެއަތޮޅު ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ވެލިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން (ރީކޯ) މޫސަ ވިދާޅުވީ އެމްޑީޕީން އަބަދުވެސް އަޑުއުފުލަމުން މިދަނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި، ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަގާފަތުގައި ޖެހިފައިތިބި ބަޔަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ދިވެހި ސަރުކާރަށް ޖެއްސުންކޮށް ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެ ޖަލްސާއަށް ވަޑައިގެން ތިއްބެވި ކުރީގެ ވަޒީރުން ކަމަށްވާ ޑރ.މުސްތަފާ ލުތުފީއާއި، އަމީން ފައިސަލް އަދި އިސްމާޢީލް ޝިހާބަށް އިޝާރާތްކުރައްވަމުން މޫސަ ވިދާޅުވީ އެވަޒީރުންނާމެދު އިދިކޮޅު ފަރާތްތަކުން އަމަލުކޮށްފައިވަނީ ވަރަށް ބޭއިންސާފުން އެހާ އަނިޔާވެރި، ރަހުމްކުޑަ ގޮތަކަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން އެބޭފުޅުންގެ އާއިލާތައް ބިކަކޮށް ނިކަމެތިކޮށްލާފައިވާ ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ މިފަދަ ބަޔަކަށް ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ތަންފީޒީ ބާރު ކަމަށްވާ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަމަ ވެރިކަމުގެ ދަހިވެތި ކަމުގައި މި ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަށް ވެސް ކުރިޔަށް މި އޮތް 3 އަހަރު އެރަށްތައް އިނދަ ޖައްސާލާނޭ ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝިދުގެ އިތުރުން ދައުލަތުގެ ކުރީގެ ބައެއް ވަޒީރުންނާއި، މިހާރުގެ ބައެއް ވަޒީރުޔްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ މި ވަފްދު މިއަދު ހެނދުނު ވަނީ ނ.ޅޮހީގައި ވެސް ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން ނ.އަތޮޅުގެ ދާއިރާތަކުގެ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ މަނަދު ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ ވެސް ވާހަކަދެއްކެވިއެވެ.
އެމްޑީޕީ ވެބްސައިޓަށް ފޯނުން މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ވެލިދޫއިން އެމްޑީޕީއަށް ކިޔާފައިވަނީ އަތޮޅުތެރޭގެ ރަށަކުން މިހާތަނަށް ކިޔާފައިވާ އެންމެ ފުރިހަމަ އެއް މަރުހަބާ ކަމަށެވެ.