ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައިފިއެވެ.

ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި، މިހާތަނަށް ހިންގިފައިހުރި ބައެއް ޕްރޮގްރާމްތަކުން ލިބިފައިވާ ކާމިޔާބީތަކާބެހޭ ތަފްޞީލު ދެއްވިއެވެ. އަދި ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ދަށުން، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމުގައި، ލިބިފައިވާ ކުރިއެރުންތަކާއި، ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމުގެ ގޮތުން، މަދަނައިގެ ދަށުން ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މީގެއިތުރުން، ތަޢްލީމީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް، ރާއްޖޭގައި ޤާއިމު ކުރެއްވުމުގައި ހޯއްދަވާފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ވަރލްޑް ބޭންކްގެ އެހީގައި ނ،ރ،ބ،ޅ، ގައި ކުނި ނައްތާލުމުގެ ޕްރޮގްރާމެއް ހިންގަމުން ގެންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ވެލިދޫގައިވެސް ކުނި ނައްތާލުމުގެ ރަނގަޅު ޕްރޮގްރާމެއް ހިންގޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދަތުރުފަތުރުކުރުމުގެ ނިޒާމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާނީ 7 އަހަރުގެ ތެރޭގައި ފުރިހަމަ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ދެ އަހަރު ދުވަހުގެ ތެރޭގައި އޭގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެލިދޫގައި ފެރީ ޓަރމިނަލް އެޅޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެލިދޫގައި 14 ހެކްޓަރުގެ ބިމެއް މިހާރު ހިއްކާފައިވުމާއެކު، މި ބިމުގެ ސަލާމަތަށްޓަކައި ވަށައިގެން ރިވެޓްމަންޓް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެލިދޫގެ ބަނދަރު މިއަހަރުގެ ތެރޭގައި އަލުން ހަދާ ބޮޑު ކުރުމަށްޓަކައި، 39 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައެޅިފައިވާކަން ހާމަކުރައްވަމުން، ބަނދަރެއްގެ ބޭނުމަކީ އެއިން އިގްތިސާދީ ފައިދާ ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލިދޫއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ޢާންމު ޙާލަތު ބައްލަވާލައްވައި، ރަށުތެރޭގައި ހިންގަވާލެއްވިއެވެ. އަދި އެރަށުގެ ހިއްކިބިން ބައްލަވާލައްވައި، ނ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ.

މީގެ އިތުރުން، ވެލިދޫގައި އާންމު ފަރާތަކުން ބިނާކޮށްފައިވާ “ޕާމްވިލާ” ގެސްޓްހައުސް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. މި ގެސްޓްހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެސްޓްހައުސް އުފެއްދުމުގެ ސިޔާސަތު ސަރުކާރުން އާންމުކުރެއްވުމުން، ވަޒީފާގެ ފުރުސަތުތައް އިތުރުވެ ރަށާއި އަތޮޅު ތަރައްޤީ ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި އެންމެ މުހިންމު ގޮތުގައި ވިއްކާ ޚިދުމަތަކީ މެހްމާންދާރީ ކަމަށާއި، މެހްމާނުންނަށް ކަމޭހިތުމަކީ މި ޞިނާޢަތު ކުރިއަރައިދިޔުމަށް ލިބޭނެ ފަހި ފުރުސަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީގެ ފޮއްދޫއަށާއި، ވެލިދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ.