އެމްޑީޕީގެ އިސް ވަފްދެއް ނ.އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދޭ

މި ވަފްދާ ފޮއްދޫއިން ރައީސް ގުޅިވަޑައިގަންނަވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ވަފްދެއް ނ.އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު ނ. އަތޮޅަށް ދިޔަ މި ވަފްދު އެންމެ ފުރަތަމަ ޒިޔާރަތްކުރީ އެއަތޮޅު ހޮޅުދޫއަށް ކަމަށާއި، އެރަށުން ވެސް އަދި ދެން ވަޑައިގެންނެވި ރަށް ކަމަށްވާ ފޮއްދޫއިން ވެސް ރަން ރީނދޫ ކުލައިން ވަރަށް ހޫނު މަރުހަބާއެއް އެމްޑީޕީގެ ވަފްދަށް ކިޔާފައިވާ ކަމަށް އެ ވަފްދުގައި އިސްކޮށް ޙަރަކާތްތެރިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވިއެވެ.
އެމްޑީޕީ ވެބްސައިޓަށް ނ.ފޮއްދޫގައި ހުންނަވައިގެން މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މިއަދު ހޮޅުދޫގައި ބޭއްވި ޖަލްސާ ވަރަށް ކާމިޔާބު ކަމަށެވެ. މި ޖަލްސާގައި މޫސަ ދެއްކެވި ވާހަކަފުޅުގައި ހޮޅުދޫ ހިމެނޭ ދާއިރާކަމަށްވާ ވެލިދޫ ދާއިރާ ތަމްސީލްކުރައްވަނީ އެމްޑީޕީގެ މެންބަރެއް ނޫން ނަމަވެސް އެދާއިރާގެ މެންބަރު އަލީ މުޙައްމަދު ވެސް އެދާއިރާއަށް މިއަހަރުގެ ބަޖެޓްގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ތަޢުރީފްކުރެއްވި ކަމަށާއި، އެގޮތުން ” މަޖިލީހުގެ ހަޔާތުގައި ވެސް އެ އަތޮޅަށް މިހާ ބޮޑު ޚަރަދެއް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާތަން މިފަހަރު ނޫނީ ފެނިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި” ކަމަށް މޫސަ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތު ތަންފީޒްކުރާނޭ ފަދަ ބަޔަކަށް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުން މިހާރުވެސް ގިނަގުނަ ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން އެބަ ގެންދާ ކަމަށާއި، އެހެން ނަމަވެސް އެ މަޝްރޫޢުތައް އެންމެ ބާރުމިނުގައި ކުރިޔަށް ނުދަނީ ރައްޔިތުންގެ މަޖިލީހާއި އެހެން މުޥައްސަސާތަކުން ސަރުކާރަށް އެއްބާރުލުން ނުދީ ސިޔާސީ ޕާޓީތަކުން ތާކުން ތާކު ނުޖެހޭ ބޭކާރު ކަންތައްތަކުގައި ވެސް ސަރުކާރު ގޮވައިގެން ކޯޓަށް ދިއުން ފަދަ އަމަލުތައް ތަކުރާރު ކުރަމުންދާތީ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ހުރިހާ ގެއްލުމެއް ވެސް ލިބެނީ ރައްޔިތުންނަށް ކަމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ މައްސަލައަކީ މިކަމުގެ ދިރިހުރި މިސާލެއް ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އެމްޑީޕީގެ ވަފްދު މިއަދު ހަވީރު ފޮއްދޫގައި ޖަލްސާ ބާއްވާނެއެވެ. އަދި ފޮއްދޫ އިން ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް މި ވަފްދާ ގުޅިވަޑައިގެން ފޮއްދޫ ޖަލްސާ ނިންމަވާލެއްވުމަށްފަހު ވެލިދޫއަށް ވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ މިވަފްދުގައި މޫސަގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ލީޑަރު މުޙައްމަދު އަސްލަމާ އާއި، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ، ހިންނަވަރު ދާއިރާގެ މެންބަރު އަޙުމަދު އީސާ އަދި ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފް ބައިވެރިވެވަޑައިގަންނަވައެވެ.
ހޮޅުދޫގައި މިނިސްޓަރ ޙަސަން ލަތީފްވަނީ އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެއް ނޫން ނަމަވެސް މިސަރުކާރުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު ނައިފަރުގައިވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.