ޕާޓީއެއްގެ ތެރެއަށް ރޫހާނީ ލީޑަރަކު ވަދެވަޑައިގެންފިނަމަ ވާދަވެރި ސިޔާސީ ޕާޓީއެއް ހިންގަން އެޕާޓީއަކަށް އުނދަގޫވާނެ- ރައީސް

އަޅުގަނޑުމެންގެ ގަޔަކު ވިންދެއް، ލެއެއް ނުހިނގާނެ އަޅުގަނޑުމެންގެ މި މެނިފެސްޓޯ އަޅުގަނޑުމެންނަށް ތަންފީޒް ނުކުރެވެންޏަކާ – ރައީސް

އިބްރާހީމް ރާމިޒް

މަތިދެކުނު ޕްރޮވިންސްގެ ގދ.ތިނަދޫގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ތިނަދޫއިން ރައީސް އަށާއި އެމްޑީޕީގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި  ފޮޓޯ: މައުރޫފް ޚަލީލް
މަތިދެކުނު ޕްރޮވިންސްގެ ގދ.ތިނަދޫގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ތިނަދޫއިން ރައީސް އަށާއި އެމްޑީޕީގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި ފޮޓޯ: މައުރޫފް ޚަލީލް

ޕާޓީއެއްގެ ތެރެއަށް ރޫހާނީ ލީޑަރަކު ވަދެވަޑައިގެންފިނަމަ ވާދަވެރި ފުރިހަމަ ސިޔާސީ ޕާޓީއެއް ހިންގަން އެޕާޓީއަކަށް އުނދަގޫވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާފަންނު ދެކުނު ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ މުޙައްމަދު އައިމަން އިސްމާއީލް (އާނު) ގެ ކެމްޕެއިން ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ރޭ އެކަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޕާޓީގެ ލީޑަރަކީ ކާކުކަން އޮޅި އެޕާޓީގެ ތެރެއަށް އެހެން ލީޑަރުން ވަދެވަޑައިގެންފިނަމަ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންގަން އުނދަގޫވާނޭ ކަމަށް ވިދާޅުވިއެވެ.
” ފުރަތަމަ ޕާޓީއެއް ވެއްޖިއްޔާ ލީޑަރެއް ހުންނަން އެބަޖެހޭ. އެއީ ވަކި މީހެއްކަން އެޕާޓީގެ ހުރިހާ މީހުންނަށް އެބަ ސާފުވާންޖެހޭ. އެ ލީޑަރަކީ ވަކި އުސޫލަކުން ވަކި ގޮތަކުން ކަނޑައެޅޭ މީހަކަށް އެބަވާންޖެހޭ. އަދި އެޕާޓީއެއްގެ ތެރޭގައި އެލީޑަރެއް ކަނޑައެޅުމުގެ ގޮތްތަކާ، އަދި އޭގެ ތެރެއަށް ރުހާނީ ލީޑަރެއް ވަދެވަޑައިގެން އަދި ޖިސްމާނީ ގޮތުން ވެސް ވަދެވަޑައިގެން، އޮޅުން ބޮޅުންތައް ގިނަވީމާ ވާދަވެރި ސިޔާސީ ޕާޓީއެއް ހިންގަން އުނދަގޫވާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން ހިމެނިފައިވާތީ އެމަނިކުފާނު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވިއިރު، އައްޑު އަތޮޅު ކަނޑައެޅުއްވީ އެއް ރަށެއްގެ ގޮތުގައި ކަމަށާއި އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ޝަރުތުކުރާ މައިގަނޑު ކަންތައް ކަމަށްވާ 25000 މީހުން ހަމަވާ ކަމަށާއި އެހެން ޝަރުތުތައް ހަމަވޭތޯ ބަލަނީ އުފެދޭ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ އޮތޯރިޓީގައި އިސްކޮށް ހުންނަވަންޖެހެނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ސިޓީއަކަށް ހެދުމާ ދެކޮޅަށް ކޯޓުގައި މައްސަލަ ޖެއްސެވި ބޭފުޅުން މައްސަލަ ޖައްސަވަނީ އެއޮތޯރިޓީން އައްޑޫގައި ވަސީލަތްތައް ހުރި ކަމަށް ކަނޑައަޅާފައި ނުވާތީ ކަމަށާއި، އެހެން ނަމަވެސް އެއޮތޯރިޓީގައި މިހާރު ހުންނަވަނީ ހަމައެކަނި ހޯމް މިނިސްޓަރ އަފީފް ކަމަށާއި، އައްޑޫ ސިޓީއަކަށް ހެދުމުގެ ޝަރުތު ހަމަވޭތޯ ކަނޑައަޅައިދެއްވުމަށް މިއަދު އަފީފް އަރިހުން އެދިވަޑައިގަންނަވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ “އަޅުގަނޑު އައްޑޫ ރައްޔިތުންނަށާއި އަދި މާލޭ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ ކަންބޮޑުވެ ނުލައްވާށޭ. އަޅުގަނޑުމެން ކުރާން ބޭނުންވާ އެއް ވެސް ކަމެއް ނުކޮށް ހުއްޓައެއް ނުލާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ ގަޔަކު ވިންދެއް، ލެއެއް ނުހިނގާނެ އަޅުގަނޑުމެންގެ މި މެނިފެސްޓޯ އަޅުގަނޑުމެންނަށް ތަންފީޒް ނުކުރެވެންޏަކާ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް އަދި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެމުން މިދަނީ އަޅުގަނޑުމެންނަށް އެއަމާޒަށް އެބަ ވާސިލްވެވޭކަން.އެހެން ވީމާ އަޅުގަނޑަށް ހަމަ ވަރަށް އިތުބާރާ އެކީ ދަންނަވަން ކެރެނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދެން އަޑުއިވެން މިއޮތީ އުފާވާ ޒަމާނޭ.”
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، އާނު އަދި ސަރަނގު އާދަމް މަނިކުވެސް ވާހަކަދެއްކެވިއެވެ.