ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ސިޓީ ހެދުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް އެޕާޓީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ރާއްޖޭގެ އުތުރާއި ދެކުނުގައި ސިޓީ ހެދުމަކީ އެމްޑީޕީގެ ފިކުރެއް ކަމުގައި އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރޭ ޖަންބު މަގުގައި ހުންނަ މ.އޮޅުގިރީގައި ކައުންސިލް އިންތިޚާބަށް މާފަންނު ދެކުނު ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު އައިމަން އިސްމާއިލް (އާނު) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ ފިކުރާ ވިންދަށް ބެލުމެއްނެތި އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލް ހެދުމަށް ހުރަސްއަޅަމުންދާކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ” އަޅުގަނދު ރައީސުލްޖުމްހޫރިއްޔާ މިތާ ހުންނެވުމާ އެކީ ވެސް އަޅުގަނދު ދަންނަވާލާނަން، ސަރުކާރުން މަސައްކަތް ހުއްތަވާނުލައްވައްޗޭ. އެކަން (ސިޓީ ކައުންސިލް ހެދުން) އެގޮތަށް ކުރެވޭގޮތް ހައްދަވައިދެއްވާށޭ. އަޅުގަނޑުމެންގެ އެމްޑީޕީގެ 45000 މެންބަރުން އެގޮތަށް އެދި އެބަ ގޮވާލަމޭ.”
މާރިޔާގެ ވާހަކަފުޅުގައި މި ކެމްޕެއިންގައި މާލެއިން އެކަމަނާ ފެނިވަޑައިނުގަންނަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާތީ ކަމަށާއި، މި ދަތުރުތަކުން އެކަމަނާއަށް ފެނިވަޑައިގަންނަވަނީ މިރާއްޖެ ރީނދޫވަމުންދާތަން ކަމަށާއި، ރައްޔިތުން އަނެއް ދިވެހި ރާއްޖެ ބޭނުން ވެގެން އުޅޭ މަންޒަރު ކަމަށެވެ.
ރޭ ހުޅުވި މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.