ހުޅުމީދޫ ދާއިރާ
ހުޅުމީދޫ
ނޫސް ބަޔާން
އެނގިވަޑައިގަންނަވާނެ ފަދައިން އައްޑުއަތޮޅަކީ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތް ކުރަމުން އަންނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެކެވެ. އެހެންނަމަވެސް މިކަންކަމަށް ކުރީގެ ސަރުކާރުން މާބޮޑު އެއްބާރުލުމެއްލިބިފައި ނުވުމުގެ ސަބަބުން މިއަތޮޅަށް ތަރެއްގީގެ މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.
2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި އެމް.ޑީ.ޕީ އިން ހަވާލުވުމާއި އެކު އައްޑުއަތޮޅުގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރަމުން ގެންދަން ފެށީ އިދިކޮޅު ފަރާތްތަކުގެ ގިނަގުނަ ގޮންޖެހުން ތަކާއެކުގައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން އައްޑުއަތޮޅުގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި މިއަދުގެ ސަރުކާރުން ނިންމަވައި އެކަމަށްޓަކައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެކަމަށް ބޭނުންވާ ފައިސާ ހިމެނުމުން އެކަމާއި ދެކޮޅުހަދައި އައްޑޫގެ ތަރައްގީއަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.
އައްޑުއަތޮޅު ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވަނިކޮށް އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް 3000 މީހުން ހަމަނުވާ އައްޑުއަތޮޅަށް ނިސްބަތްވާ ބަޔަކު ކުރީ ސަފުގައިތިބޭ ގައުމީ ޕާޓީން އައްޑުއަތޮޅު ތަރައްގީއަށް ހުރަސް އަޅަމުން ދާތީ ހުޅުމީދޫ ދާއިރާއިން އެކަން ހަރުއަޑުން ކުށްވެރި ކުރަމެވެ.
އައްޑުއަތޮޅު ހުޅުމީދޫ ދާއިރާއިން އައްޑު އަތޮޅުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނަށް ޔަގީންކަން މިއަރުވަނީ ހުޅުމީދޫ ދާއިރާއިން އައްޑު އަތޮޅު ސިޓީއެއްގެގޮތުގައި ހެދުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމާއި މިކަމުގައި ހުރަސް އަޅަމުންދާ ގައުމީ ޕާޓީއާއި އެހެނިހެން އިދިކޮޅު ފަރާތްތަކުގެ ހުރިހާ ހުރަހެއް ގިރާކޮށްފައި، މާތްﷲ އިރާދަފުޅާ އެކު އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަމެވެ.
ޝުކުރިއްޔާ
ބަޔާން ނެރުނީ: އިލްޔާސް ލްބީބް
ހުޅުމީދޫ ދާއިރާގެ ރައީސް