ނޫސް ބަޔާން: އައްޑޫ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރުން

mari-225-x-286mdp-logo-446-x-466

އައްޑޫއަށް ނިސްބަތްވާ ޕާޓީއެއް ކަމަށް ބުނާ ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ޞޯލިޙް، ސިޔާސީ ބޭނުކަށްޓަކައި އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ވިންދާ އިޙްސާސްތަކަށް ބެލުމެއްނެތި އައްޑޫ ސިޓީއަކަށް ހެދުމަށް ހުރަސްއެޅުމުގެ ގޮތުން މަސައްކަތް ކުރަމުންދާތީ، މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ވިންދާ އިޙްސާސްތަކާ ދެކޮޅަށް ސަރުކާރުގެ ކޮންމެ ނިންމުމަކަށް ޖެއްސުންކުރަމުންދިޔަ ނަމަވެސް، ދިވެހިރައްޔިތުންނަށްޓަކައި، މި ދިވެހި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެމްޑީޕީން ކުރަމުން މިގެންދާ މަސައްކަތްތަކަށް ކުޑަ ނަމަވެސް މަޑުޖެހުމެއްނެތެވެ.
އައްޑޫ ސިޓީއަކަށް ހެދުމަށް އެއަތޮޅުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމްޑީޕީގެ ލީޑަރޝިޕާއި، މިޕާޓީގެ 45000 މެންބަރުން އަތާއަތްގުޅާލައި، މި ޖިހާދުގައި މިޕާޓީން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމާއި، މި މަސައްކަތް ހުޢްޓާލާނީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު ކަމުގެ ފުރިހަމަ ޔަޤީންކަން މި ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދެއްވާކަން އުފަލާއެކު ފާހަގަކުރަމެވެ.
އައްޑޫ ސިޓީއަކަށް ހެދޭނޭ ކަމުގެ އުއްމީދާއި ފިކުރު އެމްޑީޕީގެ އަދިވެސް އެބައޮތެވެ. މާތް ﷲ ގެ ވާގިފުޅާއެކު ސަރުކާރުން އައްޑޫ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބުވެ، ތަރައްޤީއާއި ތަމައްދުންގެ ރޮނގުން އައްޑޫ އާއި މުޅި ރާއްޖެ ކުރިއަރައި ދިއުމަކީ މި ޕާޓީގެ އަބަދުގެވެސް އުއްމީދެކެވެ.
އައްޑޫގެ ލޮބުވެތި ރައްޔިތުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަމުންދާ ފަރާތްތަކަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ރައްޔިތުންގެ އިޙްސާސްތަކާއި، އެރައްޔިތުންގެ އުއްމީދުތައް ވިއްސިވިހާލިކޮށްނުލުމަށެވެ.
އަދި ހަމަ އެހެންމެ އިދިކޮޅު ފަރާތްތަކުގެ މިފަދަ އަމަލުތަކުން އިބްރަތްލިބިގަނެ ރަށާއި، އަތޮޅަށް އަދި ޤައުމަށް ތަރައްޤީ ގެންނެވުމަށް މި ސަރުކާރުންކުރާ މަސައްކަތުގައި އެއްބާރުލުން ދޭނޭ ފަދަ ފަރާތްތަކަކަށް ކައުންސިލް އިންތިޚާބުގައި ތާޢީދުކުރުމުގެ ވިސްނުން ގެންގުޅުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި ގޮވާލަމެވެ.
ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އުފާވާ ޒަމާނަކަށް އެދެމެވެ. ދިވެހިރާއްޖެއަށް އަދަށްވުރެ މާފަހި، މާ އުފާވެރި މާދަމާއަކަށް އެދެމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް