ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކުރާ ފަރާތްތަކަށް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން – ޔޫތު މިނިސްޓަރ

ޅ.ނައިފަރުން އިބްރާހީމް ރާމިޒް

މި ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކޮށް އެސިޔާސަތުތައް ތަންފީޒްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ނޫން އެހެން އެއްވެސް ފަރާތަކަށް ވޯޓު ނުދެއްވާނޭ ކަމަށާއި، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠިފް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެންވިދާޅުވީ ރޭ މިރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަށުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކަށް ތާޢީދު ހޯދުމަށް ރޭ މިރަށު ބަނދަރު ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރަކީ ވައުދުފުއްދާ ސަރުކާރެއް ކަމަށާއި، އެގޮތުން ރައީސް އެންމެ ފަހުން ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ޒުވާނުންގެ އެދުމުގެ މަތިން ނައިފަރުގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ކުރެވެމުން އެބަދާ ކަމަށާއި ޒުވާނުންގެ އެދުމުގެ މަތިން މަތީ ތައުލީމްގެ ފުރުސަތު ދިނުމަށް ނައިފަރުގެ ދަރިވަރުންނަށް ވެސް ކޯސް ލިބުމުގެ ފުރުސަތު މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށެވެ.

މި ސަރުކާރު ދެމި އޮންނަނީ އެންމެ ބެނުމަކު ކަމަށާއި، އެ ބޭނުމަކީ ވައުދު ފުއްދުން ކަމަށް ޙަސަން ލަތީފް ވިދާލުވިއެވެ. އަދި އެމަނިކުފާނު ސަރުކާރުގައި ދެމިހުންނަނީ އެސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރަން އެއްބަސްނުވާ، ސަރުކާރާ އިދިކޮޅު ޚިޔާލުގެ މީހުންނަށް މިއިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ މަޖިލީހުން ސަރުކާރަށް އެއަޅާ ހުރަސް ކައުންސިލްތަކުން ވެސް އަޅާނޭ ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް ފޯރާނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ވެސް ޒުވާން މިނިސްޓަރ ހަސަން ލަތީފް ވިދާޅުވިއެވެ.