ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދިގެން އަންނައިރު އެޔުނިވަރސިޓީގެ ފެކަލްޓީއެއް ނައިފަރުގައި ގާއިމްކުރުމަށް ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ގޮވާލައްވައިފި

ޅ.ނައިފަރުން އިބްރާހީމް ރާމިޒް

ރާއްޖޭގެ އެންމެ ފުރަތަމަ މަދަރުސީ އެއް މުޥައްސަސާ ޤާއިމްކުރެވުނީ ނައިފަރުގައި ކަމުން ދިވެހިރާއްޖޭގެ ތައުލީމް ފުޅާވެގެން ދާއިރު ނައިފަރަކީ އިސްކަންދޭންޖެހޭނެ ރަށެއް ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދިގެން އަންނައިރު އެޔުނިވަރސިޓީގެ ފެކަލްޓީއެއް ނައިފަރުގައި ގާއިމްކުރުމަށް ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރޭ ނައިފަރު ބަނދަރު ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި، ނައިފަރަކީ ވޭތުވެދިޔަ 30 އަހަރުގެ ވެރިކަމުގެ ކުރިން މުޅިރާއްޖެ ފަޚުރުވެރިވާފަދަ ތަޢުލީމީ ހިޔާވައްސެއް ކަމަށާއި، ނަމަވެސް ކުރީގެ ވެރިކަމުގައި މި ފަޚުރު ދަމަހައްޓަން މަސައްކަތްކޮށްފައިނުވާ ކަމަށާއި، އެހެންކަމުން ޖާހިލީ ބޯދާ ވިސްނުންދޫކޮށް ނައިފަރުގެ ފަޚުރުވެރި ތާރީޚް އިއާދަކުރުމަށް މަސައްކަތް ފެށުމަށް ސަރުކާރާއިއެކު މަސައްކަތްކުރުމަށް ނައިފަރުގެ ރައްޔިތުންގެ ކިބައިން އަލްހާން އެދިވަޑައިގެންނެވިއެވެ.

” އަޅުގަނޑު މިރޭ ނައިފަރުގެ ރައްޔިތުންނަށް ވަރަށް މުހިންމު އުއްމީދެއްދޭން ބޭނުން. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ބިނާތައް ބިނާވެގެން ދާއިރު ދިވެހިރާއްޖޭގައި ތަޢުލީމް ފުޅާވެގެންދާއިރު ނައިފަރަކީ އިސްކަންދޭންޖެހޭ ތަނެއް. އެހެންވީމާ އަޅުގަނޑު މިރޭ ގޮވާލަން ދިވެހި ސަރުކާރަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދިގެން އަންނައިރު، އެޔުނިވަރސިޓީގެ އެއް ފެކަލްޓީ ނައިފަރުގައި ގާއިމްކުރެވިގެންދާނެ ގޮތަކަށް އެކަން ނިމިގެންދާން. އަޅުގަނޑު ބޭނުން ނައިފަރަކީ ތާއަބަދަށް ވެސް ދިވެހި ފަސްގަނޑުގައި އޮތް އިލްމީ ދަންމަރެއްގެ ގޮތުގައި ދަމަހައްޓަން. މިކަންވާނީ އަޅުގަނދުމެންނަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަނަކަން ކުރާނަން. ތިބޭފުޅުން އަޅުގަނދުމެންނާއެކީ ތިއްބަވާތި.” އަލްހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި މައުމޫނަށް ތާޢީދުކޮށް، މައުމޫނަށް ވޯޓު ދިނުމަށް ނައިފަރު ރައްޔިތުން އަރިހުން އޭރު އެދިވަޑައިގެންނެވީ އެއްވެސް ހާލެއްގައި ނައިފަރު ތަރައްޤީކޮށްފައިވާލެއް ބޮޑުކަމަކުން ނޫން ކަމަށާއި، އޭރު އެގޮތަށް ވިދާޅުވީ ޑިމޮކްރަސީ ޓެސްޓް ކުރަން އެންމެ ޚުދުމުޚްތާރު ވެރިޔަކަށް ދިނުމަކީ އެންމެ ރަގަޅު ގޮތް ކަމަށް އޭރު ދެކިވަޑައިގަންނަވާތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ޑީއާރުޕީއާއެކު މަސައްކަތްކުރާނަމަ ދެފަހަރަކަށް ވިސްނަންޖެހޭ ކަމަށާއި، ސަބަބަކީ އެޕާޓީގެ ތެރޭގައި އޮތް އާއިލީ ވެރިކަމުގެ ވިސްނުމާއި، ވަކިބައެއްގެ ބާރުން ކަންތައްކުރުމުގެ ވިސްނުމާއި، ގައުމާއި ރައްޔިތުންގެ މަސްލަހަތު އެކަހެރިކުރެވިގެން ވަކިބައެއްގެ މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރާ މައްސަލަ ކަމަށެވެ.
“އަޅުގަނޑުގެ އެތެރޭގައި މިހިނގަނީ ނައިފަރުލޭ. އަޅުގަނޑު ޑީއާރުޕީ ދޫކޮށް އެމްޑީޕީއަށް އައި ގޮތަށް ނައިފަރު ރައްޔިތުން ވެސް އަންނާނެ.” އަލްހާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ޕްރޮފެސަރ އަހުމަދު ޝަހީދާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކާއި، އެގްރޫޕްގެ ނައިބު ލީޑަރު މުޙައްމަދު އަސްލަމްގެ އިތުރުން ހޯމް މިނިސްޓަރ ޙަސަން އަފީފާއި، ޔޫތު މިނިސްޓަރ އަލްއުސްތާޛް ހަސަން ލަތީފް ވެސް ވާހަކަފުޅުދެއްކެވިއެވެ.