މެންބަރުންގެ ޚިޔާލު: މިފިކުރުގެ މައްޗަށް ވެރިކަމުގެ މުޅިޙުކޫމަތު ބަދަލުކޮށްލުމުގެ އެންމެހާ، ޝުޙުރަތެއް ހައްޤުވަނީ އަދުގެ ރައީސުލްޖުމުހޫރިއްޔާ އަށެވެ!!!

ހަސަން މާހިރު/ހުޅުދޫ

މުޅިރާއްޖޭގެ ލޮބުވެތި ރައްޔިތުން އެކައްޗެއްކިއާ ގައުމު ބިނާކުރުމުގައި އަތުކުރިއޮޅާލަމާ ހިނގާށެވެ! ގައުމަށް ގެނެވުނު ހެއުބަދަލުތައް ހެއުހިތުން ގަބޫލުކުރަމާ ހިނގާށެވެ! ޑިމޮކްރަސީއަކަށް ޤައުމު އަލިވިލުނު ހިނދު، ރާއްޖޭގެ ޤައުމީ ތަރައްޤީއާއި މިގައުމުގެ ޢިޖުތިމާޢީ ހަމަޖެހުމަށް މިވަނީ ކިހިނެއްހެއްޔެވެ؟
ޔަގީންވާ އެއްކަމެއް އެބައޮތެވެ. ޤައުމުބިނާ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަންޖެހޭ، އެއްފަރާތަކީ، އެގައުމެއްގެ ލޮބުވެތި ރައްޔިތުންނެވެ. އެދައުރު ފުރިހަމަ ކުރުމުގެ ޤާނޫނީ ޒިއްމާ އުފުލަންޖެހޭ، ފަރާތަކީ ދައުލަތް ހިންގަން ހަވާލުވެ އޮންނަ ޤާނޫނީ ސަރުކާރެވެ. ތެދެކެވެ! އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މަސައްކަތުގައި އިންސާނީ ޙައްޤުތަކުގެ ވިސްނުމާއި، ފިކުރު ލާމެހި އޮތުމެވެ. ގައުމުގެ އަދުލު އިންސާފް ގާއިމުކޮށް، އިންސާނީ ހައްޤުތަކަށް ހުރުމަތް ތެރިކޮށް ހިތާ، އެވިސްނުމުގައި މުޅި ޖަމާއަތަށް ފައިދާކޮށް، މުޅި އުއްމަތަށް އެކަމުގެ މަންފަޢަ ކުރުމެވެ. ވީހިނދު، ޖަމާޢަތުގެ ގޮތުންނާއި، ފަރުދީގޮތުން މިއަދު ވިސްނަންޖެހޭ، ނުވަތަ އިޙުތިރާމް ކުރަންޖެހޭ އިސްލާންދިނުގެ މަތިވެރި ރުކުންތަކާއި، ބައިނަލް އަގުވާމީ ހަމަތަކާއި، ޤާނޫނީ އުސޫލުތަކެއް ޤައުމީ ނަޒަރުން އެބަހުއްޓެވެ. މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ އިތުރުން، އިޖްތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ޙައްޤުތަކުގެ މުހިންމުދައުރު އަޅުގަނޑު މެންނަށް އަދާ ކުރެވޭނީ ތަހުޒީބު ވިސްނުން ހިއްސާކޮށް ގެންނެވެ. އިންސާނީ ޙައްޤުތަކަކީ ކޮބާކަމާއި، ޤައުމީ ހައްޤުތަކަކީ ކޮބއިކަމާއި އެއްޙައްޤެއް އަނެއް ޙައްޤަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ޙައްޤު ތަކެއްކަން ވަރަށް ރަނގަޅަށް އެނގި ދަސްވެގެންނެވެ. ހަގީގަތަކީ މިއީކަމަށް ވިހިނދު، ސަރުކާރުން ރައްޔިތުންގެ މައްޗަށް އަދާ ކުރަންޖެހޭ ޤާނޫނީ އަދި ގައުމީ ވާޖިބުތައް އަދާކުރުމުގެ ފުރުޞަތުނުދީ، އެޙައްޤުތަކުގެ މައްޗަށް ޝަކުވާކޮށް، މުޅި ގައުމުގައި ނަޢަރާކޮށް، ގައުމު ފަސާދަ ކުރުމަކީ ދެކޮޅުނުޖެހޭ ހަރާކާތްތަކެވެ. ވަކިޙައްޤެއް ލިއްބައި ދިނުމުން އެއްމެހާ ހައްޤުތައްފުދުނީ ނޫންކަން އަޅުގަންޑުމެން ދަންނަ ހިނދު، މި ޙައްޤުތައް ފޯރުކޮށް ދިނުމަށް ހުރި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތް ހުއްޓުވާ ގައުމު ފިތުނަވެރި ކުރުވުމަކީ، ނާތަހުޒީބު އަމަލުތަކުގެ ތެރެއިން އެންމެ ބޮޑު އަމަލެވެ. ހިތުގެ ހަސަދަ ވެރިކަމުގައި އަދުގެ ޒަޢާމަތަށް ނުދިން ފުރުސަތެއް މުސްތަގުބަލުގެ ޒަޢާމަތަކަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟
މިރާއްޖޭގެ ތާރީޚަކީ ވަރަށް ދިގު ބޯދާ ތާރީޚެކެވެ. އެތާރީޚުގެ ބައެއް ތާރީޚީ ބޮޅުތައް ހަނދާނުން ބީވެދީގެން ނުވާނެއެވެ. ދިވެހި ރާއްޖެއަކީ ތަފާތު ޤައުމުތަކުގެ މުޢައްރިޙުން ދަތުރުކޮށް، ރާއްޖެއާއި ބެހޭގޮތުން ރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ މައްޗަށް ޚާއްސަ ނަޒަރަކުން ބަލާ، އަދި ރާއްޖޭގެ ޝާޙީ ދަރުބާރުގެ މުޅި ޙުކޫމަތު ބިނާވެ އޮތް ފުރަމާނަ ދަނައޫ، މިޝާޙީ އަމުރު މައުރޫފުގެ މައްޗަށް ވެސް ލިއުއްވާ އެހެންމެ އަތޮޅުތަކުގެ ޤަދީމީ ގޮއިފާލައްބަ ފަދަ ފުރަބަންޑާރަ ގޮއިތަކާއި، ރާއްޖޭގައި ތިބި ދަރިދަރި ކޮޅުތަކުގެ މައްޗަށް ވާރުތަކުރި ބިންބިން ތަކުގެ މައްޗަށް ވެސް ލިއުއްވާ ފައިވާ ތަފާތު ތާރީޚީ މުޢައްރިޙުން ޒިޔާރަތް ކޮށްފައިވާ ގައުމަކަށް ވީހިނދު، ހަމައެކަނި 3 ނޮވެމްބަރ 1988 އަހަރުގެ ތާރީޚުގެ ކުރުޚުލާސާ ބަޔާން ކުރުމަކުން ރާއްޖޭގައި އުފެދުނު ބޮޑެތި ޖައްލާދުންނާއި ބަޢާވަތް ތެރިންނާއި ބާޢީންގެ ފިހުރިސްތު ފުރިހަމަ ނުވާނެއެވެ. އަދިއެހެންމެ ވެރިކަމުގެ ބާރުތައް ދެމިގެންދިޔަ ބަދުމާޝީ އުސޫލުތައްވެސް ފުރިހަމަނުވާނެއެވެ. މިގޮތުން ބަލާއިރު، އެންމެބޯދާ އޮޅޮދޫކަރައިގެ ވެއްދާއިންގެ މަހަރާޖާގެ ދަރި ކޮއިމަލާ ކަލޯއާއި އޮޅޮދޫ ކަރައިގެ ރެދިކަމަނާއާއި ހުދެއި ކަލިމިންޖާއާއި މާލޭ ބަބުރު ކަލޯފަދަ ނުބައިނުލަފާ މީހުންނަކީ، ވެރިކަމާހުރެ، ރަސްކަމުގެ ޒަމާނުގައި އެތައްބަޔަކު ގަތުލުކޮށް، މަރާ ބޮޑެތި ރުނބާތަކާއި ޖާޑިތަކަށް އަޅާ ވަޅުލީ މީހުންނެވެ. އެއިރުވެސް ގައުމުއޮތީ ބިނާކުރަން ޖެހިފައެވެ.
އަރަބިކަރައިގެ މަޝްހޫރު ސައްޔާޙު މައުލާނާ އަލްހާފިޡް އިބުނު ބަޠޫޠާ އޭނާގެ ދަތުރުނާމާގައި ލިއުއްވާފައިވާ ގޮތުން ރާއްޖެއަކީ ސާފްތާހިރުކަމާއި، ނަލަކަމުގެ އަހުލުވެރިން ދިރިއުޅެމުން އަންނަ ޖަޒީރާ ރަށްތަކެކެވެ. އެޖަޒިރާގެ އަހުލުވެރިންނަކީ ހިތްހެޔޮބައެކެވެ. އެކަމަކު ބުރުގާ ނުވަތަ ޚިމާރު އެޅުމަށް ދެކޮޅުހެއްދެވި ބައެކެވެ. އަދި ހުވާކުރުން ގިނަބައެކެވެ. ތާރީޚީ ސަފްޙާތަކުން އެނގޭ ގޮތުގައި މިރާއްޖޭގެ ޤައުމީ ޙަޔާތުގައި ރާއްޖޭގެ އަހުލުވެރިން ތަޖުރިބާ ކޮށްފައިވާ ބޮޑެތި ކާރިސާތަކާއި، ހާދިސާތަކުގެ ތެރެއިން، މުސްކުޅި ކާބަފައިން ގިސްލުމުގެ ހިތިތަޖުރިބާ ކޮށްފައިވާ އެންމެ ބޮޑު ހާދިސާއަކީ، ރާއްޖޭގެ ރަސްކަމުގެ ސިންގާ ސަނާގައި އެދުވަސްވަރު އިންނެވި އަބޫބަކުރު2 އައުހާރުވެ އަލިރަސްގެފާނު ރާއްޖޭގެ ރަސްކަމާއި، ހަވާލުވުމާއި ގުޅިގެން ޚާންދާނުގެ ތެރޭގައި ހިނގާދިޔަ ރަސްކަން ފިރުކުމުގެ ހަސަދަވެރި ކަމުގައި އަލީ ޕްރިންސް އިންޑިއާ އަށް ދަތުރުކޮށް ކުރީޒަމާނުގައި އިންޑިއާގެ ގޯވާގައި ދިރިއުޅުނު ޕޯޗްގީޒުންގެ ބަޔަކު ގޮވާއިގެން މާލެ ވަޑައިގެން ހިންގެވި ބޮޑު ޖަރީމާއެވެ. ނުވަތަ ޕޯޗްގީޒުން ރާއްޖެ އަޅުވެތި ކުރުމެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ސިފަކުރަނީ ބޭރު ފަރަންޖީންނެވެ. ދިވެހިންގެ ތެރޭގައި ތިބި ބުއްދީގެ އަހުލުވެރިންގެ ކުރިމަތީގައި ރާއްޖެއަކީ އެއްވެސް ޒަމާނެއްގައި ސުވަރު ގެއްނޫނެވެ. ކީއްވެހެއްޔެވެ؟ ގައުމުގައި އަދުލު އިންސާފް ބޯދާ ޒަމާނުގައި ވެސް ނެތުމެވެ. މަޝްހޫރު ހިތަދޫ ރޮނޑާގޭ ދީދީ ބަޔާންކުރި ގޮތުގައި މިރާއްޖޭގެ ރައްޔިތުންނަކީ، ފަތްކާ އަޅުންނެވެ. ކީއްވެހެއްޔެވެ؟ ރަސްގެފާން ކޯފާފުޅު ވެއްޖެނަމަ، ހަންމުށިން ތެޅުމާއި، އިންސާފެއް ނެތި ފަތްކޮޅުތައް އަތުލުމެވެ. ގަބޫލުކުރަންޖެހޭ، ހަގީގަތަކީ 4500 އަހަރުވީ ބޯދާ ވެރިކަމެއްގެ މުޅިހުކޫމަތު ދެމިގެންއައީ ރަސްގެފާނުގެ ފުރަމާނަދަނައޫ، މިޝިޢާރުގެ މައްޗަށްކަމެވެ. މިނަޒަރުން ވިސްނާއިރު، ދިވެހިދައުލަތުގެ ވެރިކަމުގެ މުޅިޙުކޫމަތު ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި ފޮރޮޅިގެންއައީ 2008 ވަނަ އަހަރުގެ ފަހުންނެވެ. އެއީ މިހާރުއޮތް ވެރިކަމުގެ ތެރެއިންނެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިފިކުރުގެ މައްޗަށް ވެރިކަމުގެ މުޅިޙުކޫމަތު ބަދަލުކޮށްލުމުގެ އެންމެހާ، ޝުޙުރަތެއް ހައްޤުވަނީ އަދުގެ ރައީސުލްޖުމުހޫރިއްޔާގެ ޒައާމަތުގެ މައްޗަށްކަމެވެ