އަދާލަތު ޕާޓީގެ 57 މީހަކު ތިނަދޫގައި އެމްޑީޕީއަށް ސޮއިކޮށްފި

އިބްރާހީމް ރާމިޒް

ގ.ދ.ތިނަދޫގައި އަދާލަތު ޕާޓީގައި ކުރިންތިބުމަށްފަހު އެ ޕާޓީން ވަކިވި 57 މީހަކު އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަލަށް އެމްޑީޕީއާ ގުޅުނު ފަރާތްތަކުގެ ފޯމްތައް އެޕާޓީއާއި ހަވާލުކޮށްފައިވަނީ ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައެވެ. މި ފޯމްތަކާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއަރ ޕާރސަން އަދި މައްޗަންގޮޅި ދެކުނުދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ފަހަކަށް އައިސް އަދާލަތު ޕާޓީގެ ވަކި ބޭފުޅުން ކޮޅެއް ގެންދަވަނީ ދީން ހަތިޔާރަކަށް ހަދައި އެޕާޓީ ވެސް ނިސްބަތްވާ މިއަދުގެ ސަރުކާރުގެ ދީނީ ސިޔާސަތު ބައްޓަންކުރަމުންދާ ގޮތް ކަމުނުދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންވެ. އަދި ސަރުކާރުން އިސްލާމީ ކަންކަމާއި މެދު ގެންގުޅޭ ސިޔާސަތު ކަމުނުދާކަމަށް ބުނެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިހް މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެހެން މިނިސްޓްރީއަކަށް ބަދަލުކުރުމުން މަގާމުން އިސްތިއުފާދެއްވާފައެވެ. ނަމަވެސް އެމަގާމަށް އޭގެ ފަހުން ސަރުކާރުންވަނީ އަދާލަތު ޕާޓީގެ ރައީސް އައްޔަންކުރައްވާފައެވެ.

އަދާލަތު ޕާޓީން މި ސަރުކާރުގެ ދީނީ ސިޔާސަތު ކަމުނުދާ ކަމަށް ބުނަމުން ދިޔަ ނަމަވެސް މި ސަރުކާރު އައިފަހުން ދީނީ ބޭފުޅުންނަށް ވެސް ދުވަހަކު ވެސް ނުލިބޭފަދަ މިނިވަން ކަމެއް ލިބި، ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށް ބޮޑުވަމުންދާ ކަމަށް ގިނަ އާންމު ރައްޔިތުން އިއްތިފާގުވެއެވެ. މީގެއިތުރުން 2012 ވަނަ އަހަރު އެކިޤައުމުތަކާއި އެކު ބޭއްވޭ އިސްލާމިކް ކޮންފަރެންސެއް ގ.ދ.ތިނަދޫގައި ބާއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ. އަދި މި ކޮންފަރެންސަކީ މުޅި ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭވަރުގެ ބޮޑު ކޮންފަރެންސަކަށްހެދުމަށްޓަކައި ސަރުކާރުން ކުރެވެން އޮތް މަސައްކަތެއްކުރައްވާނޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނި ވިދާޅުވެފައެވެ.