ގދ.ތިނަދޫގައި ބައިނަލްއަޤްވާމީ އިސްލާމީ ކޮންފަރެންސެއް ބާއްވާނޭ ކަމަށް ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

މަތި ދެކުނު ޕްރޮވިންސްގެ ގދ.ތިނަދޫގައި ބައިނަލްއަޤްވާމީ އިސްލާމީ ކޮންފަރެންސެއް 2012 ވަނަ އަހަރު ބާއްވާނޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ތި ދެކުނު ޕްރޮވިންސަށް އެމްޑީޕީން ކުރި ކެމްޕެއިން ދަތުރުގެ ފަހު މަންޒިލް ކަމަށްވާ ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
” އަޅުގަނޑު މިރޭ ތިނަދޫ ރައްޔިތުންނާ، ވަކިންޚާއްސަކޮށް ހުވަދު އަތޮޅުގެ ރައްޔިތުންނާ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އިތުރު ވާހަކައެއް އެބައޮތް. 2011 ވަނަ އަހަރު ފާހަގަވެގެންދާނީ އައްޑު އަތޮޅުގައި ސާކް ސަމިޓް ބޭއްވޭ އަހަރުގެ ގޮތުގަ.އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރު ވެގެންދާނީ ހަވަރު ތިނަދޫގައި ބޮޑު އިސްލާމީ ބައްދަލުވުމެއް ބޭއްވޭ އަހަރުގެ ގޮތުގަ. ސަރުކާރުން މިހާރު މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒް މެދުވެރިކޮށް އިންތިޒާމްކުރަމުން މިއަންނަނީ ބައިނަލް އަޤްވާމީ އިސްލާމިކް ކޮންފަރެންސެއް 2012 ވަނަ އަހަރު ތިނަދޫގައި ބޭއްވުމަށް” ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކަމަށް ބޭނުންވާ ތައްޔާރީތައްވުމުގެ މަސައްކަތް ކުރިޔަށް މިއޮތް ދެ އަހަރު ތެރޭ ކުރާނޭ ކަމަށާއި، މި ދެކުނު އޭޝިޔާއާއި ދުނިޔޭގައި ތިބި އިސްލާމީ ދަންނަ ބޭކަލުންނަށް ދައުވަތުދެއްވައިގެން މުޅި ދުނިޔެއަށް އޭގެ ފައިދާކުރާ ގޮތަށް ބާއްވަވާނޭ ކަމަށެވެ.
މީގެ އިތުރުން ގައުމެއް ތަރައްގިވެ ކުރިއަރައިދިއުމުގައި އިންސާނީ ތަރައްގީގެ މުހިންމު ކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅޫގައި އަލި އަޅުވާލެއްވިއެވެ.