ރާއްޖޭގެ ތާރީޚު އަލުން އަނބުރާ ރުޖޫޢަ ވިޔަނުދިނުމަށް ލޯކަލް ކައުންސިލްތަކުގެ ނިޒާމް ރާއްޖޭގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވެއްޖެ .

އިބްރާހީމް ރާމިޒް

ރާއްޖޭގެ ތާރީޚު އަލުން އަނބުރާ ރުޖޫޢަ ވިޔަނުދިނުމަށް ލޯކަލް ކައުންސިލްތަކުގެ ނިޒާމް ރާއްޖޭގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ .
ރައީސް މިހެން ވިދާޅުވީ ރޭ މަތި ދެކުނު ޕްރޮވިންސްގެ ގދ.ގައްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިއަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރާއްޖޭގައި މުޅިން އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ރާއްޖޭގެ ތާރީޚު އަލުން އަނބުރާ ރުޖޫޢަ ވިޔަނުދިނުމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމަށް، އެނިޒާމް ރާއްޖޭގައި އަށަގެންނެވުން ކޮންމެހެންވެސް މުހިންމު ނިޒާމެއް ކަމުގައެވެ.
މީގެ އިތުރުންވެސް ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން ގައްދޫ ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.