ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީގެ ޗެއަރޕާސަން ތިނަދޫ އެމްޑީޕީ ކެމްޕެއިން ޖަގަހަ ބައްލަވާލައްވައިފި

ގދ.ތިނަދޫއިން އިބްރާހީމް ރާމިޒް

thinadhoo-jagaha-marithinadhoo-jagaha

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެމްޑީޕީ ތިނަދޫ ކެމްޕެއިން ޖަގަހަ މިއަދު ބައްލަވާލައްވައިފިއެވެ.
މިއަދު މެންދުރު ފަހު އޮތް މި ރަސްމިއްޔާތުގައި މިރަށުގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަގަހަ ބައްލަވާލެއްވުމަށްފަހު މިރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި ގދ.އަތޮޅަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު ވެސް އެންމެ ރަގަޅަށް ހަރަކާތްތެރިވި އެއް އަތޮޅުކަން ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް މިއަތޮޅުން ވަކިން ޚާއްސަކޮށް ތިނަދޫއިން މިސަރުކާރަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބޭކަން ފާހަގަކޮށް އެކަމަށްޓަކައި މިރަށާއި މިއަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރެއްވިއެވެ.އަދި ކެމްޕެއިން ކުރިޔަށް ގެންދިއުމުގައި ފަރުވާތެރިކަމާ ހިތްވަރާއެކު މަސައްކަތްކުރުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ކެމްޕެއިން މީޑިއާ ޑައިރެކްޓަރ ފާތުމަތު ޝަހީދާ ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތާ ބެހޭ ގޮތުން، ޚާއްސަކޮށް ދޮރުން ދޮރަށް ކެމްޕެއިންކުރާނޭ ގޮތާ ބެހޭ ގޮތުން ކެންޑިޑޭޓުންނަށާއި އާންމުންނަށް މައުލޫމާތު ދެއްވިއެވެ.
މި ޕްރޮވިންސްގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދު މިރޭ އެމްޑީޕީގެ ސަޕޯޓަރުންނާއި އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކާއި، ބައްދަލުކުރުން މިރޭ މިރަށުގެ ބާސްކެޓް ކޯޓުގައި އޮންނާނެއެވެ.