އެމްޑީޕީން މަތިދެކުނު ޕްރޮވިންސަށް ކުރަމުންދާ ކެމްޕެއިން ދަތުރު ނިންމާލުމުގެ ގޮތުން ބާއްވާ ޖަލްސާ މިރޭ ތިނަދޫގައި އޮންނާނެ

– މި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ

ގއ.ވިލިނގިލިން އިބްރާހީމް ރާމިޒް

އެމްޑީޕީން މަތިދެކުނު ޕްރޮވިންސަށް މިހާރުކުރަމުން ގެންދާ ކެމްޕެއިން ދަތުރު ނިންމާލުމުގެ ގޮތުން ބާއްވާ ޖަލްސާ މި ޕްރޮވިންސްގެ މަރުކަޒީ ރަށް ކަމަށްވާ ގދ.ތިނަދޫގައި މިރޭ އޮންނާނެއެވެ.
އެމްޑީޕީން މިކުރާ ކެމްޕެއިން ދަތުރުގައި ގއ. އަދި ގދ.ގެ ހުރިހާ ރަށަކަށްހެން ޒިޔާރަތްކޮށް އެރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން އެރަށްރަށުގައި ތަފާތު ޙަރަކާތްތައް ހިންގާފައިވެއެވެ. އެގޮތުން 2 ޓީމަކަށް ބަހާލައިގެން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާމަނިކުގެ ލީޑަރުކަމުގެ ދަށުން ދެ އަތޮޅުގައި ކެމްޕެއިން ޓީމްތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
ގއ. ގެ ޓީމް އެންމެ ފުރަތަމަ ޒިޔާރަތްކުރީ އެއަތޮޅު ކަނޑުހުޅުދޫ އަށެވެ. ކަނޑުހުޅުދޫގައި ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު މިޓީމް ދެން ފުރާފައިވަނީ އެރަށާ ޖެހިގެން އޮންނަ ގެމަނަފުއްޓަށެވެ. ގެމަނަފުށީގައި އެރަށުގެ އެމްޑީޕީގެ މެންބަރުންނާއި، ރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު މި ޓީމް ދެން ޒިޔާރަތްކުރީ މިއަތޮޅުން އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ހަމައެކަނި ރަށް ކަމަށްވާ ކޮނޑޭއަށެވެ. ކޮނޑޭ ސްކޫލުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު މި ޓީމް ދެން ޒިޔާރަތްކުރީ ދާންދޫ އަށެވެ.ދާންދޫގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ވަރަށް ފުރިހަމަ ޖަލްސާއެއް ބޭއްވުމަށްފަހު އިއްޔެ މި ޓީމް ޒިޔާރަތްކުރީ ނިލަންދޫ، ދެއްވަދޫ، ކޮލަމާފުށި މާމެންދޫ އަދި ވިލިނގިއްޔަށެވެ. މިޓީމުން މާމެންދޫ އާއި ކޮލަމާފުށީގައި ވެސް ދެ ކެމްޕެއިން ޖަގަހަ ހުޅުވިއެވެ. އަދި ނިލަންދޫ ގައި ކުޑަކުދިންގެ ޕާކްގެ ބިންގާ އަޅައިދިނުން އޮތެވެ.
ގދ.ގެ ޓީމް އެންމެ ފުރަތަމަ ޒިޔާރަތްކުރީ އެއަތޮޅު ފަރެސްމާތޮޑާއަށެވެ. އެއަށްފަހު ވާދޫ ރަތަފަންދޫ އަދި ފިޔޯރީއަށް މި ޓީމް ޒިޔާރަތްކުރިއެވެ. ފިޔޯރީގައި ރޭގަނޑު ޖަލްސާ ބޭއްވުމަށްފަހު މިޓީމް ދެން ޒިޔާރަތްކުރީ އެއަތޮޅު މަޑަވެލި ނަޑެއްލާ އަދި ހޯނޑެއްދޫ އަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާ ރޭ ބޭއްވީ ގައްދޫގައެވެ.
މި ވަފްދުން މި ޕްރޮވިންސަށްކުރި ކާމިޔާބު ކެމްޕެއިން ދަތުރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ދެއަތޮޅުގެ ވަފްދު ގުޅިގެން މިރޭ ތިނަދޫގައި ކުލަގަދަ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވަނީ އަމިއްލަ ޚަރަދުގައި ޓިކެޓް ނަންގަވައިގެންކަން ފާހަގަކުރައްވައި އެޕާޓީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ މިޓީމަށް ޝުކުރުއަދާކުރައްވާފައެވެ.