މިސަރުކާރުގެ ވައުދުތައް ފުއްދުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާތަން ބަލަން ނުތިއްބަވާނޭ ކަމަށް އާދިލް ސަލީމް ވިދާޅުވެއްޖެ

ކޮލަމާފުއްޓާއި މާމެންދޫގައި ދެ ކެމްޕެއިން ޖަގަހަ ހުޅުވައި، ނިލަންދޫ ކުޑަކުދިންގެ ޕާކުގެ ބިންގާ ވެސް އެމްޑީޕީގެ ކެމްޕެއިން ޓީމުން އަޅައިފި

ގއ. ވިލިނގިލިން އިބްރާހީމް ރާމިޒް

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ޚިދުމަތްތަކަކަށްވާއިރު އެޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް މީހަކު ހުރަސްއަޅާނަމަ އެތަން ބަލަން މަޑުން ނުހުންނަވާނެކަމަށް ކޮލަމާފުއްޓާއި ވިލިނގިލި ހިމެނޭ، ވިލިނގިލި ދާއިރާގެ އެމްޑީޕީގެ ރައީސް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަން މުޙައްމަދު ޢާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ މިދާއިރާގެ ބޭފުޅުންތައާރަފްކޮށް ތާއީދު ހޯދުމަށް ރޭ މިރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާދިލް ސަލީމް ވިދާޅުވީ ބަޖެޓު އޮތަސް ކަންކަން ކުރެވޭނީ ޚިޔާލާފިކުރު އެއްގޮތް ބަޔަކު ތިބެގެންކަމަށާއި، އެހެންކަމުން އަހަރު ނިމެންވާއިރަށް ރައްޔިތުންނަށް ކޮށްދިނުމަށް ވައުދުވެފައިވާ ކަންކަން ކޮށްދެވެންޖެހޭނެކަމަށާ ކައުންސިލްތަކަށް އިންތިޚާބުކުރެވޭ ހުރިހާ މެންބަރުންވެސް އެކަމަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭނެކަމަށެ
މިއަދު ވިލިނގިލީގައި އެމްޑީޕީގެ އާބާދީ އަކީ ބޮޑު އަބާދީއެއް ކަމަށާއި މިބޮޑު ކާމިޔާބީ ޙާޞިލުކުރެވިފައި މިވަނީ އެމްޑީޕީން ވަކި ރައްޔިތަކަށް ނުބަލައި ހުރިހާ ރައްޔިތުންނަށް އެއް އުޞޫލަކުން ކަންކަން ކޮށްދިނުމުގެ ސިޔާސަތު ގެންގުޅުމުގެ އިތުރުން ރައްޔިތުންނާމެދު ގެންގުޅުނު ހަމަހަމަ ކަމުގެ ސަބަބުން ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވި ދުވަސްވަރުން ފެށިގެން މިދާއިރާގެ ރައްޔިތުންނާ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ އާދިލް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ތިނެސްކަނަށް ކަޑަޖަހައި ބިންގާ އަޅާ ސަރުކާރެއް ނޫން ކަމަށާއި، ކަންކަން ކުރަނީ އެކަމެއް ދެމެހެހެއްޓެނިވި ގޮތަކަށް ކުރުމަށް ރާވަންޖެހޭ ހުރިހާކަންކަން ރާވައި ހުރިހާ އިންތިޒާމެއް ނިންމުމަށްފަހުގައި ކަމަށެވެ.

” އަޅުގަނޑު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އަދި މިންނެވި ޖާބިރު ޗެއަރމަން ކަމުގައި ހުންނެވިއިރު ފެލިވަރުގައި ކުރީގެ ރައީސް މައުމޫނާއެކު އެއް މޭޒެއްގައި ކާން ތިބެފައި އަޅުގަނޑު ވާހަކައެއް ދެންނެވިން. އެވަގުތު ގުދުވެ ވަޑައިގެން ކައިރީގައި އިންނެވި ބޭފުޅަކަށް ވިދާޅުވީ އެއީ މެނިފެސްޓޯގައި ނޯޓުކުރަން ރަނގަޅުކަމެއް ކަމަށް. އަޅުގަނޑު ދެންނެވިކަން ކުރުމަށް ފައިސާ ޚަރދުކުރާނެގޮތެއް ހޯދާނެ ތަނެއް ނުބައްލަވާ. މީހަކު ހަމަބުނެލާއިރަށް މެނިފެސްޓޯގައި ނޯޓުކުރަނީ.” ކަމަށާ އެމްޑީޕީން ކަންކަން ނޯޓުކޮށް މެނިފެސްޓޯގައި ލިޔަނީ އެކަމެއް ކުރެވޭނެގޮތްތައް ވިސްނައި ކުރެވޭނެކަމުގެ ޔަޤީންކަމާއެކުގައި ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ދާއިރާތަކުގެ އިންތިޚާބާއި އަދި ޚާއްސަކޮށް މި ލޯކަލް ކައުންސިލް އިންތިޚާބާ ހަމައިން ވާދަވެރި ކޮލަމާފުށްޓާއި ވިލިނގިލީގެ ގުޅުންތައްވެސް ރަނގަޅުވެ އެއް ބައެއްގެ ގޮތުގައި ތަރައްޤީ ވާން މަސައްކަތްކުރާކަމީ އުފާކުރަންޖެހޭ ކަމެއް ކަމަށާއި ރައްޔިތުން ބޭނުންވާ އެތަރައްޤީ ދެރަށަށް ވެސް ހޯދައިދޭން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ޕާޓީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ އާއި މި އަތޮޅުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއިވިލިނގިއްޔާއި ކޮލަމާފުށީގެ ބައެއް ކެންޑިޑޭޓުން ވެސް ވާހަކަ ވާހަކަދެއްކެވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ވަފްދު ރޭ ވިލިނގިލީގައި ޖަލްސާ މި ބޭޢްވީ އިއްޔެ މިއަތޮޅު ނިލަންދޫ، ދެއްވަދޫ، ކޮލަމްފުށި އަދި މާމެންދޫއަށް ޒިޔާރަތްކޮށް އެރަށްރަށުގެ ކައުންސިލްތަކަށް އެމްޑީޕީން ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މަސައްކަތް ކުރުމަށްފަހުއެވެ. އަދި މިވަފްދުން އިއްޔެ ވަނީ ކޮލަމާފުއްޓާއި މާމެންދޫގައި ދެ ޖަގަހަ ހުޅުވައި، ނިލަންދޫގައި އެދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް ހައްދަވައިދެއްވާ ކުޑަކުދިންގެ ޕާރކްގެ ބިންގާ އަޅުއްވައިދެއްވާފައެވެ.