ޑީއާރުޕީއަށް ކުރިޔަށް އޮތް 500 އަހަރުވެސް ވެރިކަމަކަށް ނާދެވޭނޭ ކަމަށާއި 2013 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ގެނައުން ލާޒިމްކަމަށް ވެސް އަލްހާން ވިދާޅުވި
ގއ.ދާންދޫއިން އިބްރާހީމް ރާމިޒް
ޒައީމް މައުމޫނު ގައުމަށް ޚިދުމަތްކުރެއްވުމަށްވުރެ ބޮޑަށް އަމިއްލަފުޅު ޚިދުމަތްކުރައްވާ ކަމަށް މިއަދު އެބަ ގަބުލުކުރެވޭ ކަމަށާއި، ޑީއާރުޕީގެ ލީޑަރޝިޕުން އެއްފަރާތަކަށް ޖެހިވަޑައިގެންނެވުމަށްފަހު، ސިޔާސީ ހަޔާތްޕުޅު ނިންމަވާލެއްވީ ކަމަށް ވިދާޅުވުމަށްފަހު އަނެއްކާ ވަލުދޮރާށިން މައުމޫނު ސިޔާސީ ހަޔާތްޕުޅަށް ނިކުންނަވަން އުޅުއްވާކަމީ އާއިލީ ވެރިކަމާ ދިމާލަށް ކުރައްވާ ދަތުރެއް ކަމަށް އެމްޑީޕީގެ ޕާލމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން މަތިދެކުނު ޕްރޮވިންސްގެ ގއ.ދާންދޫގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ” މިއަދު ހަމަ ތާރީޚަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ރައީސް މައުމޫނު ގައުމަށް ޚިދުމަތްކުރެއްވުމަށްވުރެ ބޮޑަށް އަމިއްލަފުޅު ޚިދުމަތްކުރަން މަސައްކަތްކުރައްވާ ކަމަށް މިއަދު އަޅުގަނޑަށް ގަބޫލުކުރެވެއޭ. އަޅުގަނދު މިހެން ދަންނަވަން މިޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫން. ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ވަރަށް ސުލްހްވެރިކަމާ ވަރަށް ރީތިކޮށް ރައްޔިތުންއެދޭ ގޮތަށް، މިނިވަން އިންތިޚާބަކުން. އެކަން ގަބޫލުކުރައްވައި އަދި ޕާޓީގެ ލީޑަރޝިޕުން ވެސް އެއްފަރާތަކަށް ޖެހިވަޑައިގަންނަވައި މިއަދަށްފަހު ސިޔާސީ ހަޔާތްޕުޅު ނިންމަވާލެއްވީ ކަމަށް ވިދާޅުވެ ވަލުދޮރާށިން ސިޔާސީ މަސްރަހަށް ނިކުންނަވާކަމީ އަޅުގަނޑުދަންނަވާނީ އާއިލީ ވެރިކަމާ ދިމާލަށް ކުރައްވާ ދަތުރެކޭ”،
އަލްހާން އިތުރަށް ވިދާޅުވީ މިރާއްޖެއަކަށް ދެން ރަސްކަމެއް ނާންނާނޭ ކަމަށާއި، ރަސްކަމުގެ ސިފަޖެހިފައިވާ ޤާނޫނު އަސާސީ މާޒީއާއެކުވެ ހިނގައްޖެކަމުގައެވެ. އަދި ޑީއާރުޕީން ކިތަންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނޭ ކަމަށެވެ. އަދި ހަމަ އެހެންމެ ކުރިޔަށް އޮތް 500 އަހަރުވެސް ޑީއާރުޕީއަށް ވެރިކަން ނުލިބޭނޭ ކަމަށާއި، ރައީސް ނަޝީދަށް 2013 ވަނަ އަހަރު ވެސް ރައީސް ނަޝީދު ހޮއްވެވުން ލާޒިމް ކަމަށް އަލްހާން ވިދާޅުވިއެވެ. ސަބަބަކީ ޒައީމް މައުމޫނަކީ ރައީސް ނަޝީދު ގެންގުޅުއްވާ މަޝްވަރާކުރުމުގެ އުސޫލާ ޚިލާފަށް ގިނަ ނިންމެވުންތައް ވަރަށް ޚުދުމުޚްތާރުކޮށް ނިންމަވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
އަލްހާން ވަނީ ފިތުނަ ފަސާދައަށް ޖާގަދިނުމަށް ޒައީމް ސިޔާސީ ހަޔާތަށް ނިކުންނަވަން އުޅުއްވާތީ އެގޮތަށް އަމަލުނުކުރެއްވުމަށް ޒައީމް މައުމޫނަށް އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ވެސް
އަލްހާން ރޭ ދެއްކެވި ވާހަކަފުޅުގައި އަދާލަތު ޕާޓީއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވިއެވެ. އެގޮތުން އަދާލަތުން ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން މިސަރުކާރު ވައްޓާލަން ކުރާ މަސައްކަތް އަލްހާން ވަނީ ކުށްވެރިކުރައްވާފައެވެ.