ގއ.ދާންދޫއިން އިބްރާހީމް ރާމިޒް
ހަގީގީ ތަރައްގީގެ ބޮޑު މަޝްރޫއަކީ ޑިމޮކްރަސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ މިރަށުގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ވެސް އަދި މިރަށުގެ ތަރައްގީއަށް ވެސް މި ސަރުކާރުން ތަފާތު މަޝްރޫޢުތައް މިވީ 2 އަހަރު ދުވަހުގެތެރޭގައި ހިންގާފައިވާ ކަމަށާއި، ތަރައްގީ އަކީ ޑިމޮކްރަސީއިން ފަހިކޮށްދޭ ކަމެއް ކަމަށާއި ، އަދި ހަގީގީ ތަރައްގީ ގެނެވެނީ އެގައުމެއްގައި ޑިމޮކްރަސީ ފައްކާވެގެން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި މަތިދެކުނު ޕްރޮވިންސް އިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން އެ ޕްރޮވިންސްގެ ދެ އަތޮޅަށް ކުރަމުންދާ ދަތުރުގައި ބައިވެރިވާ ގއ.ގެ ވަފްދާ ރޭ މިރަށުން ގުޅިވަޑައިގެންނެވުމަށްފަހު ދާންދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އިނާޔަތުގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް އެތައް މިލިޔަން ރުފިޔާއެއް ސަރުކާރުން ހޭދަކުރެއްވުމުގެ ބަދަލުގައި އެފައިސާއިން ތަރައްޤީގެ އެކި މަޝްރޫޢުތައް ނުހިންގަވަނީ ކީއްވެތޯ ސުވާލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނަށް ވެސް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމަށްވާ އެމްޑީޕީއަށް ވެސް އެއްބަސްވެވޭ އެންމެ ރަގަޅު ގޮތަކީ އެފައިސާ، ސަލާން ޖެހުމުގެ ސަޤާފަތެއް އަށަގަންނުވާފައިވާ މިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމަށް ހޭދަކުރުން ކަމަށެވެ.
” އަޅުގަނޑު އެންމެ އުފާވާ އެއްކަމަކީ މިރަށަށް ކޮންމެ މަހަކު (65 އަހަރުން މަތީގެ 101 ފަރާތަކަށް) ދެލައްކަ ދެ ހާސް ރުފިޔާ ޕެންޝަނުގެ ގޮތުގައި ދިނުމުގެ ފުރުސަތު މި ސަރުކާރަށް ލިބިފައިވާތީވެ.ތިބޭފުޅުން ބައެއްގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދާން އެދެނީނަމަ، ތިބޭފުޅުން މިރާއްޖޭގެ ތަރައްގި އެދެނީނަމަ، މި ވިސްނުމަށް ނޫން އެހެން ވިސްނުމަކަށް ވޯޓުދިނުމަކަށް އަޅުގަނޑަކަށެއް ނުދެންނެވޭނެ.” ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނދު ފަސް ވައުދުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ގައުމެއްގެ ރައްޔިތުން ބިކަހާލުގައި ޖެހިފައި ތިބެގެން އެގައުމެއް ތަރައްގި ވެގެން ނުދާނޭ ކަމަށާއި، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަކުރަން ޖެހިފައިވާ ކަމަކީ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އެރައްޔިތަކު ބިކަހާލުން ސަލާމަތްކޮށްދިނުން ކަމަށެވެ. މީގެ އިތުރުްނ ވެސް ރަށްރަށަށް ބިން އިތުރުކުރުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފަސޭހަ ކަމެއްކަން ދިއްދުއާއި، ކުޅުދުއްފުށި، ވެލިދޫ، ތުޅާދޫ އަދި ހިންނަވަރުގެ ބިންހިއްކުމުގެ މަޝްރޫއުން ސާބިތުކޮށްދީފިކަމަށާއި، އިރާދަކުރެއްވިއްޔާ މިރަށުގެ ބިންވެސް ބޮޑުކޮށްދެއްވާނޭ ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުންނާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.