އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް މިއަދު ގއ.ކަނޑުހުޅުދޫ ގައި ހުޅުވައިފި

ގއ.ކަނޑުހުޅުދޫ އިން އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ޖަގަހައެއް މިއަދު ހެނދުނު މަތި ދެކުނު ޕްރޮވިންސްގެ ގއ.ކަނޑުހުޅުދޫގައި ހުޅުވައިފިއެވެ.
މި ޖަގަހަ ހުޅުއްވައިދެއްވުމުގެ ގޮތުން ޖަގަހައިގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. ދިވެހި ގައުމީ ދިދަ ނަންގަވައިދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޑރ.އިބްރާހީމް ދިދީއެވެ.
ކަނދުހުޅުދޫ އިން ލޯކަލްލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ހުޅުވި މި ޖަގަހަ ހުޅުއްވައިދެއްވަމުން ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ މިރަށަކީ ކުރިންވެސް އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށެއް ކަމަށާއި، އެގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެމްޑީޕީއަށް 58 ޕަސެންޓްގެ ބޮޑު އަޣްލަބިއްޔަތެއް މިރަށުން އެމްޑީޕީއަށް ލިބިފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި މިހާރު ވެސް އެމްޑީޕީއަށް ވަރަށް ބޮޑު ތަރުހީބެއް މިރަށުން ލިބޭކަން މާރިޔާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރުގެ ވަޒީފާގައި ނެތް ނަމަވެސް ކަނޑުހުޅުދޫގެ ރައްޔިތުންނަށް ސަރުކާރު މެދުވެރިކޮށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވެސް ވީ އެންމެ ބޮޑަކަށް އެހީތެރިކަން ވެދެއްވާނޭ ކަމަށާއި، ޚާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހޭދަކުރައްވާނޭ ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ހާމިދު އަބްދުލްޤަފޫރާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ވެސް ވާހަކަދެއްކެވިއެވެ.