ވެލެޒިނީއަށް މިއަދު ދިން ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

21-12-10-1

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ މެންބަރު ޢާއިޝަތު ވެލެޒިނީއަށް މިއަދު ދިން ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވަމުން، މިކަން ވަރަށް ރަނގަޅަށް ތަޙުޤީޤުކޮށް، މި ޢަމަލު ހިންގި ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، އެބަޔަކަށް ޙައްޤު އަދަބުދެވެން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްޞަ މަސައްކަތްތަކެއް ފެށްޓެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢާއިޝަތު ވެލެޒިނީއަށް ބަޔަކު ވަޅިން ޙަމަލާދިން ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ހާލު ބައްލަވާލެއްވުމަށް އެވަގުތު އައި.ޖީ،އެމް.އެޗް.އަށް ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ސަރުކާރުން ފުރްޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 2011 ވަނަ އަހަރުގެ ބަޖެޓް ތަންފީޒު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އެކަމުގެ މަޢްލޫމާތު ދެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލެއްވިއެވެ. އަދި އެކޮމިޓީން ނިންމަވާ ގޮތެއްގެ މަތިން، މަޢްލޫމާތު ދެއްވުމުގެ ޕްރޮގްރާމްތައް ހިންގެވުމަށް ކަނޑައެޅުއްވިއެވެ.
މަޑުކޮށްލައްވާ…
Loading Data Image