ނޫސް ބަޔާން: ވެލެޒިނީ އަށް މިއަދު ބަޔަކު ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރުން

ތާރީޚް: 3 ޖަނަވަރީ 2011

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ އަށް މިއަދު ބަޔަކު ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރުން

president-nasheed11mdp-logo1velezinee

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ އަށް މިއަދު ބަޔަކު ތޫނު އެއްޗަކުން ދިން ރަހުމްކުޑަ، އަނިޔާވެރި، ފިނޑި ހަމަލާ މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ޖޭއެސްސީގެ މެންބަރު އައިޝަތު ވެލެޒިނީއަކީ އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުމަކަށް ފަސްޖެހިވަޑައިނުގެން، ގަދަ ހިތްވަރާއި، ނުގުޑާފަދަ އަޒުމަކާއި އެކު އިސްލާޙީ މަސައްކަތުގައި ސާބިތުވެހުންނެވި ޤައުމީ ބަޠަލެއްގެ އިތުރުން ރާއްޖޭގެ ސިޔާސީ އުދަރެހުގައި ފެވެމުން، ކުލަޖެހެމުން، ވިދަމުން އަންނަ ސިޔާސީ އަލިގަދަ ތަރިއެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ އިތުރުން އެމްޑީޕީ ދެކެއެވެ. އަދި ވެލެޒިނީގެ މަސައްކަތްޕުޅުން އަދުލު އިންސާފްގެ ދާއިރާ މިނިވަން ކަމާއެކު ހިނގުމަށް އިތުރަށް މަގުފަހިވެގެންދާ ކަމީ މުޅި މި ދިވެހި ގައުމު ހެކިވާނޭ ކަމެކެވެ.
މީގެ އިތުރުން ވެސް ވެލެޒިނީއަކީ ފުރިހަމަ ޑިމޮކްރެސީއެއްގެ މައިގަނޑު އަސާސްތައް ކަމަށްވާ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ކެނޑިނޭޅި ވަކާލާތުކުރައްވަމުން ގެންދަވާ އަގުހުރި ޝަޚްސިއްޔަތެކެވެ. އަދި މިފަދަ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތަކުގެ ސިޔާސީ ދުޝްމަނުން އިތުރުވަމުން ދިއުމަކީ އިންސާނީ ތަޖުރިބާ ދައްކާފައިވާ ޙަގީގަތެކެވެ. އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަން ހިނގަމުންދާ އުސޫލެވެ. ނަމަވެސް އެ ފަދަ ގައުމުތަކުގައި ވެސް ސިޔާސީ ގޮތުން ފުންނާބު އުސް މިފަދަ ޝަޚްސިއްޔަތުތަކަށް ރަހުމްކުޑަ، ނާތަހުޒީބު ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ދަށު ދަރަޖައިގެ އަމަލެކެވެ.
އެހެންކަމުން ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން، ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް މަސައްކަތްކޮށް، ސުލްހައިގެ މަގު ޚިޔާރު ކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް މިޕާޓީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް