އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން: އެމްޑީޕީގެ އިސް ދެ ވަފްދު މަތި ދެކުނު ޕްރޮވިންސަށް ފުރަނީ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް މަންދޫބުން ހިމެނިވަޑައިގަންނަވާ ދެ ވަފްދެއް މިއަންނަ އަންގާރަ ދުވަހު މަތި ދެކުނު ޕްރޮވިންސަށް ފުރާނެ ކަމަށް އެޕާޓީން މައުލޫމާތު ދީފިއެވެ.
އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން އެޕާޓީން މަތިދެކުނު ޕްރޮވިންސަށް ދެ އަތޮޅަށް ވަކި ވަކިން ކުރާ މި ދަތުރުގައި ގއ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް މިހާތަނަށް ހަމަޖެހިފައިވާ ޕާޓީގެ އިސް ބޭފުޅުންގެ ތެރޭގައި ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީގެ ޚަޒާންދާރު އަދި ރައީސުލްޖުމްހޫރިއްޔާގެ ފައިނޭންސް ސެކްރެޓަރީ އަޙުމަދު މައުސޫމް އާއި، ގއ. ކޮލަމަފުއްޓާއި ވިލިނގިލި ހިމެނޭ، ވިލިނގިލި ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް އާއި، ގއ. އަތޮޅުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރާއި، ޑރ.ޑީޑީގެ އިތުރުން އެމްޑީޕީޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ގދ. އަތޮޅު ވަފްދުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކާއި، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ)ގެ އިތުރުން ގިނަ އަދަދެއްގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން މަޢުލޫމާތު ދެއެވެ.
އެމްޑިޕީން މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ ލ.ގަމު ޤަތަރު އަމީރު ސްކޫލްގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށިފަހުން އެޕާޓީން ވަނީ މިހާތަނަށް އައްޑޫ، ފުވައްމުލައް، ބ.އަތޮޅު އަދި ހއ. އަތޮޅަށް ކެމްޕެއިން ދަތުރުތައްކޮށްފައެވެ..