ބަޖެޓް ފާސްވުމާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިނގައިގަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

president_nasheed

2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިނގައިގަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ބަޖެޓަކީ ވަރަށް ތަފާތު ބަޖެޓެއް ކަމަށާއި، އެ ބަޖެޓް އެކުލަވައިލެއްވުމުގައި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އަދިވެސް އެހެން ފަރާތްތަކާ ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުނު ކަމުގައި ވިދާޅުވިއެވެ. އަދި ބަޖެޓްގައި ހިމެނިފައިވަނީ ޕްރޮގްރާމްތަކެއް ކަމަށާއި، އެ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ވަޢުދުތައް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިފަހަރުގެ ބަޖެޓް ތަންފީޒު ކުރެވޭއިރުގައި، އެ ތަންފީޒު ކުރެވޭގޮތް ބަޔާންކޮށްދޭނީ، ބަޖެޓް ކާމިޔާބުވާނެ މިންވަރު ނުވަތަ ނާކާމިޔާބުވާނެ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. “ބަޖެޓް ފުރިހަމައަށް ތަންފީޒު ކުރެވުނީމާ، އިރާދަކުރެއްވިއްޔާ، ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުމަށް އެދި ބޭނުންވެ އަދި ކޮށްދޭނެ ކަމަށް ކުރިއްސުރެ ފަށައިގެން ބުނަމުން އައި ކަންކަން ކުރެވެމުންދާނެ” ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ، މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކޮށް، ވަރަށް ގިނަ ބަޔަކާ ބައްދަލުކޮށް، ރައްޔިތުންނަށްވީ ވަޢުދުތަކެއް ކަމުގައި ބަޔާންކުރައްވަމުން، މިކަންކަން ޙާޞިލްވުމުން، ރާއްޖެ ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.