މެދު ޕްރޮވިންސްގެ ދަތުރުފަތުރުކުރުމުގެ ނިޒާމް ފަށްޓަވައިދެއްވުމުގެ ގޮތުން ވޭވަށުން މުލަކަށް ރައީސް ފެރީގައި ވަޑައިގަންނަވައިފި

އިބްރާހީމް ރާމިޒް

މެދު ޕްރޮވިންސްގެ ދަތުރުފަތުރުކުރުމުގެ ނިޒާމްގެ ދެވަނަ ފިޔަވަހި ފަށްޓަވައިދެއްވުމުގެ ގޮތުން މ.އަތޮޅު ވޭވަށުން އެއަތޮޅު މުލަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފެރީގައި ވަޑައިގަންނަވައިފިއެވެ.
އެ ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމްގެ ދެވަނަ ފިޔަވަހި އިފްތިތާޙްކުރެއްވުމާއި، މުލަކު ފެރީ ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވުމަށް މުލަކުގެ ބަނދަރު ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާނުލާ އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުވެވޭނެކަމަށާއި، އަދި ވިޔަފާރި ތަރައްޤީކުރުމަށް މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވެންޖެހޭ ކަމުގައި ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ނުހަނު ބޭނުންތެރި ނިޒާމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކުރާ ދަތުރުފަތުރު ކުރުމުގެ މަޝްރޫޢު އެކުލަވާލެވިފައިވަނީ، 7 އަހަރުން އެމަޝްރޫޢު މުޅިން ފުރިހަމަކުރާ ގޮތަށް ކަމަށާއި، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ރޭވިފައިއޮތީ، މި މަޝްރޫޢުގެ އަސާސީ ޚިދްމަތެއް ފެށުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަސާސީ ޚިދްމަތްތަކަށްފަހު ދެވަނަ ފިޔަވެއްސަށް ދެވޭއިރު، އެކަން މިފެށެނީ މުލަކުގައިކަން ފާހަގަކުރައްވަމުން، ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުރިހަމަވީ މިންވަރަކަށް، ތަރައްޤީ ހޯދަން ފަސޭހަވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ނިޒާމުގެ ތެރޭގައި ސަރުކާރުގެ އެންމެބޮޑު އެއްވާޖިބަކަށްވާނީ، ބަނދަރު ރަނގަޅު ކުރުން ކަމަށާއި، މުލަކު ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ފަށާނެކަން ރައީސް ހާމަކުރެއްވިއެވެ.
މިއަހަރުގެ އޭޕްރީލްމަހު ވަރމިލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ވަނީ ފަށާފައެވެ. އެ ގޮތުން، މިހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 6280 ފަސިންޖަރުން، އެ ޕްރޮވިންސްގައި ދަތުރުކޮށްފައިވެއެވެ.