މެންބަރުންގެ ޚިޔާލު: މަޖިލީހުގެ އުނިކަންތައްތައް ފެންމަތިވަމުން ދަނީ ސަބަބުތަކެއް ހުރެގެންނެވެ.!!!

މުރުޝިދު/ހުޅުދޫ

majlis-kuraage

ހަގީގަތުގައި ޤާނޫނުހަދާ މަޖިލީހުގެ އުނިކަންތައްތައް ފެންމަތިވަމުން ދަނީ ސަބަބުތަކެއް ހުރެގެންނެވެ. އެހެނީ، ޒަމާނީ ޑިމޮކްރަސީއެއްގެ މައްޗަށް ވެރިކަމުގެ ޙުކޫމަތު ބަދަލުކުރުމުގެ ނިޔަތުގައި މިގައުމު ހިންގުމުގެ ސިޔާސީ ވެށި ބަދަލުކޮށް، އެތައް ގުރުބާނީ ތަކެއްގެ ތެރެއިން، ތަޙުޒީބު ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްތަކުގެ މޭވާ ހާސިލްކޮށް ދިނުމުގެ ޤާނޫނީ ޒިއްމާ ގުދުރަތުން އެޅިފައިވާ ފަރާތަކީ ޤާނޫނުހަދާ މަޖިލިސްކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. ސަރުކާރަކީ ތަންފީޒީ ބާރެވެ. މަޖިލީހުން އެކަށައެޅޭ ކޮންމެހަރުދަނާ ޤާނޫނެއްގެ މަންފަޢާ ސަރުކާރާއި ރައްޔިތުންނަށް ލިބިގެންދާނެއެވެ. ވީހިނދު، އިންތިގާލީ މަރުހަލާ ބޭކާރުކޮށް، އެކަށައަޅަންޖެހޭ، އެތައް އާއްމު ޤާނޫނުތަކެއް ހުއްޓާ އިންތިގާލީ މަރުޙަލާގެ ދެއަހަރުދުވަސް ދުއްވާލީ ބޭކާރުގޮތުގައެވެ. އެކަމުގެ ސަބަބުން ހަދަންޖެހުނު އެތައް އާއްމު ޤާނޫނުތަކެއް ނެހެދުމުގެ ސަބަބުން، ސަރުކާރު ހިންގުމަށްވަނީ ދަތިވެފައެވެ ޤާނުނީ އެތައް ފުށުއެރުންތަކެއް ވަނީ ތަންފީޒީ މަރުހަލާގައި ކުރިމަތިވެފައެވެ. މިއީ ހިތާމަހުރިކަމެކެވެ.
މަޅިފަތީގައި ޖެހެނީ ވެސް ބުއްދިނުހުންނަ ކުދިކުދި ސުފާސޫފިތަކެވެ. ހެދިފައިވާ ދަންތުރަ އުސޫލުތަކުގެ ސަބަބުން، ގައުމަށް ކުރިމަތިވަމުން ދަނީ ބަލާއެވެ. ބުއްދިހުރި ބިޔަ ޤައުމުތަކުގައި ޕާރލަމެންޓްގެ މެންބަރުންގެ މުސާރަ ކަނޑައަޅަނީ ޚާއްސަކުރެވޭ ޕޭ ކޮމަޓީއަކުންނެވެ. މިރާއްޖޭގައި މިކަންކުރުމުގެ ދަންތުރަ އުސޫލަކީ، މަޖިލީހުގެ މެންބަރުން އަމިއްލައަށް އެބޭފުޅުންގެ މުސާރަކޮޅު ހަމަޖެއްސުމެވެ. މިކަހަލަ ދަންތުރަ އުސޫލުން ނިކުންނާނީ ވެސް ދަންތުރަ މައްސަލަތަކެވެ. މަޖިލީހަކީ، މަދު ބޭފުޅަކު ފިޔަވައި އިލްމީގޮތުން ބަލިކަށި އެތައްބައެއް ހިއްސާކުރާ ތަނަކަށް ވުމުގެ ސަބަބުން، ސަރުކާރު ހިންގުމަށް ވެސް ދަނީ ތަފާތުބޮޑެތި މައްސަލަތައް ކުރިމަތިވަމުންނެވެ. ސަބަބަކީ، އިލްމުވެރި ޤާނޫނުތައް ފަރުމާކުރަން އެނގިވަޑައި ނުގަތުމެވެ. އެކަމުގެ ސަބަބުން ޤާނޫނީ ފުށުއެރުންތައް ޤާނޫނީ ވެށީގައިދަނީ އިތުރުވަމުންނެވެ