އެމްޑީޕީ ޕާޓީޓިކެޓް ހޯދުމަށް އެދި މެންބަރުން ހުޅަހެށި ފޯމުތައް ތަރުތީބު ކުރުމަށްފަހު މިހާ ހިސާބަށް ކުރެވުނު މަސައްކަތުގައި 44 މެންބަރުންނަށް އެމްޑީޕީގެ ޕާޓީޓިކެޓް ލިބިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ޑިމޮކްރަޓިކް އުސޫލުން އިސްލާޙްކޮށް އެމައްޗަށް ޢަމަލަކުރަން ފެށުމުން ފުރަތަމަ ފަހަރަށް އިންތިޚާބުކުރަންޖެހޭ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުންނަށް ޕާޓީޓިކެޓް ހޯދުމަށްއެދި މެންބަރުން ހުޅަހެށި ފޯމްތައް ތަރުތީބު ކުރުމަށްފަހު މިހާހިސާބަށް ކުރެވުނު މަސައްކަތުގައި 44 މެންބަރުންނަށް އެމްޑީޕީގެ ޕާޓީޓިކެޓް ލިބިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕާޓީޓިކެޓް ދިނުމަށް އުފެއްދި ކޮމިޓީން މިއަދު ދަރުބާރުގޭ 25 މާލަމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމެޓީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ޝުއައިބު އަލީ ވިދާޅުވީ އިލެކްޝަންސް ކަމިޝަނުން މިހާތަނަށް 76 ދާއިރާ އާންމުކޮށްޝާއިޢު ކުރައްވާފައިވާތީ އެގޮނޑިތަކަށް ކުރިމަތި ލުމަށްޓަކައި އެމްޑީޕީގެ ޕާޓީޓިކެޓަށް އެދި ވަރަށް ގިނަ މެންބަރުން ކުރިމަތިލައްވާފައިވާ ކަމަށެވެ. އެގޮތުން ޕާޓީޓިކެޓް ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ކްރައިޓީރިއާ ހަމަވޭތޯ ބެއްލެވުމުގެ މަސައްކަތް ކޮމިޓީން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ މިހާތަނަށް ޕާޓީ ޓިކެޓް ލިބިފައިވާ 44 މެންބަރުންނަކީ ޕާޓީއަށް އިހްލާސްތެރި އަދި އިލްމީ ބޭފުޅުން ކަމުގައެވެ. އަދި އިންތިހާބާ ދިމާކޮށް ޕާޓީގެ ތާއީދު ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންނަމަވެސް އަމިއްލަ ކެންޑިޑޭޓުންނަށް ޕާޓީއިން ތާއީދު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ ސްޕްރީމް ކޯޓުން އިއްޔެ ނިންމެވި ނިންމެވުމަށް އިޙްތިރާމް ކުރުމަށްޓަކައި ޕްރައިމަރީ ބާއްވާންޖެހޭ ދާއިރާތަކުގައި ވީއެންމެ އަވަހަށް ޕްރައިމަރީ ބޭއްވުމަށް ކުރަންޖެހޭ އިންތިޒާމްތައްކޮށް ޕްރައިމަރީއަށް ދާންޖެހޭ މެންބަރުންނަށާއި، އެދާއިރާ ތަކަށް އެކަން އެންގުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތްތައް ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
“އަޅުގަނޑުމެން އުންމީދު މިކުރަނީ، ކުރިއެކޭވެސް އެއްފައިދައިން ޕާޓީގެ ނިންމުންތަކަށް ކެންޑިޑޭޓުންނާއި އާންމު މެންބަރުން ތަބާވެ، ޕާޓީގެ ނިންމުމަށް އިޙްތިރާމް ކުރުން އަދި ޕާޓީގެ ނިންމުމާއި އިދިކޮޅަށް ޕާރޓީގެ އެއްވެސް މެންބަރަކު އަންނަ އިންތިޚާބުގައި ވާދަނުކުރުމަށް” ކޮމެޓީގެ ސްޕޯކްސްޕާސަން ޝުއައިބު އަލީ ވިދާޅުވިއެވެ.