އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވި ކަމުގައިވިޔަސް އެމްޑީޕީގެ މެންބަރުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ހިތުން ރުހުމުން ގަބޫލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަކީ މިއަދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައިވެސް ނާކާމިޔާބުވި ފަރާތްތަކުން ބަލި ގަބޫލު ކުރައްވާފައިވާ ކަމަށާއި މިއީ ގައުމެއްގެ ހަމަޖެހުމާއި ގައުމެއްގެ މަސްލަހަތަށް އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. މިގޮތުން އެމްޑީޕީގެ ލޮބުވެތި މެންބަރުންވެސް އެމްޑީޕީގެ އެއް މެންބަރަކު ޕްރައިމަރީ ކާމިޔާބު ކުރުމުން އަނެއް މެންބަރުން އެކަން ގަބޫލު ކުރުމުގެ އުސޫލުތައް ހިތުން ރުހުމުން ގަބޫލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޒަކީ ވިދާޅުވިއެވެ.
ޒަކީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމްޑީޕީން މަސައްކަތް ކުރަމުން ގެންދަވަނީ މަޖިލީހުގެ 76 ގޮނޑީގެ ތެރެއިން މަދުވެގެން 50 ގޮނޑި ކާމިޔާބު ކުރުމަށް ކަމަށާއި އެގޮތުން މިއިންތިހާބުގައި މަޖިލީހުގެ ހުރިހާ ގޮނޑިޔަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށް ޒަކީ ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ ސުޕްރީމް ކޯޓުން އިއްޔެ އެނިންމެވި ނިންމެވުމަށް އިޙްތިރާމް ކުރުމަށްޓަކައި ޕްރައިމަރީ ބާއްވާންޖެހޭ ދާއިރާތަކުގައި ވީއެންމެ އަވަހަށް ޕްރައިމަރީ ބޭއްވުމަށް ކުރަންޖެހޭ އިންތިޒާމްތައްކޮށް ޕްރައިމަރީއަށް ދާންޖެހޭ މެންބަރުންނަށާއި، އެދާއިރާ ތަކަށް އެކަން އެންގުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތެވެ.
އެމްޑީޕީގެ ޕާޓީޓިކެޓް ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ކްރައިޓީރިއާ ހަމަވޭތޯ ބެއްލެވުމުގެ މަސައްކަތް ކޮމިޓީން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.
މިކޮމެޓީގައި ތިއްބަވާ 5 ބޭފުޅުންނަކީ ޕާޓީގެ ގައުމީ މަޖިލީސް މެންބަރު ޝުއައިބު އަލީ އާއި ޕާޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީސްގެ މެންބަރު ޝެއިހު މުހައްމަދު ފާރޫގު، އަދި ޕާޓީގެ އާންމު ތިން މެންބަރުން ކަމުގައިވާ ޖާދުﷲ ޖަމީލާއި ހުސެއިން ރަޝީދު (ކަނޑުވައި)، އިބްރާހިމް މުހައްމަދު (މާލިމީ) އެވެ.
އެކޮމެޓީން މިއަދު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ވާދަވެރި ރިޔާސީ އިންތިޚާބުވެސް ޕާޓީލައިނުން ވާދަކޮށް ވަރަށް އޮމާންކޮށް ނިމިދިޔަ ކަމަށާއި ނާކާމިޔާބުވި ފަރާތްތައް ބަލިޤަބޫކުރެއްވިތަން އާންމުކޮށްވަނީ ފެނިފައި ކަމަށެވެ. އަދި އާންމު އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕާޓީޓިކެޓަށް ވާދަކުރުމަށް ބާއްވާ ޕްރައިމަރީތަކުގައި ނާކާމިޔާވެލައްވާ ފަރާތްތައް ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ނަމޫނާ ދައްކަވާނެކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.