ތިމާވެއްޓާ ރައްޓެހި އުޅަނދު ފަހަރު ތަޢާރަފްކުރުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ އުޅަނދުފަހަރު ރާއްޖެއަށް ތަޢާރުފް ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމެއް ދެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި
ޕެޓްރޯލާއި، ޑީސަލްފަދަ ފޮސިލް ފިއުލްގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ އުޅަނދުފަހަރު ރާއްޖެއަށް ތަޢާރުފް ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން، މިފަދަ އުޅަނދުފަހަރުގެ ޑިއުޓީ ކުޑަކޮށްދެއްވުން ނުވަތަ ސަބްސިޑީއެއް ދެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މިކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ކުރާނެ އަސަރު ދިރާސާ ކުރެއްވުމަށްފަހު، ގޮތެއް ނިންމެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

މިކަމާ ބެހޭގޮތުން ވަޒީރުން ކުރެއްވި މަޝްވަރާގައި، މިކަމަކީ ރާއްޖެ ކާބަން ނިއުޓްރަލްވުމަށް ސަރުކާރުން ނިންމަވާފައިވާ ސިޔާސަތަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު، ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުގެ ބާވަތްތަކަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރު ކުޑަވެ، ރާއްޖެއިން ބޭރުވާ ބޭރުފައިސާގެ މިންވަރު ކުޑަވާނެ ކަމެއް ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.