މެންބަރުންގެ ޚިޔާލު: ހަރުދަނާ ސިޔާސީ ލީޑަރުންގެ ގިންތީގައި ތިބާ ހިއްސާވާށެވެ!

ހަސަން މާހިރު/ ހުޅުދޫ

ލޯޔަލް އޮޕްޒިޝަނެއްގެ ގޮތުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤައުމީ ޒިއްމާއެކެވެ. އެހަގީގަތް ގަބޫލުކުރަމެވެ. ނަމަވެސް، ޤާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ބައެއް ސިޔާސީ ޕާޓީތަކުގެ ދައުރުއޮތީ މިއުސޫލުގެ މައްޗަށްތޯ ހިތުގައި ސުއާލު އުފެދެއެވެ.
ހަގީގަތުގައި ސިޔާސީ މައިދާނުގައި އިޚްލާސްތެރި ކަމާއެކު، އުއްމަތެއްގެ މައްޗަށް ޙައްގު ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ، ހަރުދަނާ އޮޕްޒިޝަން ޕާޓީތަކާއި ތެދުވެރި ފަނޑިޔާރުންނާއި ތެދުވެރި ގާނޫނީ ވަކީލުންގެ ކިބައިގާ ހުންނަން ޖެހޭ، މުހިއްމު ފިޠުރީ ސިފަތަކުން ތިމާމެން ޒީނަތްތެރި ވެގެންނެވެ. ތިމާމެންނަށް ލިބިފައިވާ އިލްމުވެރިކަމާއި، ހިލްމުވެރި ކަމުގެ މައްޗަށް ތިމާމެން އަޚްލާސްތެރި ވެގެންނެވެ. ރިވެތި އަޚުލާގާއި، ޤާނޫނުގެ މައްޗަށް ތިމާ، އިޙްތިރާމް ކުރުމުގެ ރިވެތިސިފަ ލިބިގެންނެވެ. އެހެންމެ ފަނޑިޔާރުންގެ ކިބައިގާ ހުންނަން ޖެހޭ ޕްރޮފެޝަނަލިޒަމާއި، އެކަމުގެ ފުރިހަމަ ފަންނުވެރިކަމާއި، ޚުލްގު ހެއުކަމުގެ ތެރެއިންނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން އެއްކިބާ ވެގެންނެވެ. މިމުހިއްމު ގުދުރަތީ ސިފަތަކުން އެއްކިބާވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ވެރިކަމުގެ ރަނގަޅު ސިޔާސަތު ހޯޖާކޮށް، ޤައުމީ މަސްލަހަތަށް ވުރެ، ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ވެރިކަމުގެ ޤާނޫނީ ދައުރުގެ މައްޗަށް ހުރަސްއެޅުމަކީ ދިވެހި އުއްމަތުގެ މައްޗަށް ބަލާޖެއްސުމެވެ. މިއަދު މިރާއްޖެއިން ފެންނަނީ އެ މުޑުދާރު މަންޒުތަކެވެ.
ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނަކީ، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ އެންމެހާ ކަންކަމުގެ މައްޗަށް ތަޖުރިބާ ލިބިފައިވާ އަދުލުވެރި ބަޔަކަށް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް، ރާއްޖެއަކީ، މިއަދު ސިޔާސީ ގޮތުން މުޅި މުޖުތަމަޢު ބަދަލު ވަމުންދާ ހަލަބޮލި ގައުމަކަށް ވީހިނދު، ކެއްތެރިވެ ވަކިފަރާތަކަށް ނުޖެހި އިޚްލާސްތެރި ކަމާއެކު، ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހެއެވެ. އެއީ ރައްޔިތުންނާއި، ގައުމުގެ ޙައްޤުގައެވެ.
ވީހިނދު، ޒާތީ ހަސަދައިން ތަތްތެޅި ސިޔާސީ ޕާޓީތަކުގެ ނަގުލީ ރޫޚުގައި ތިބެ މުޖުތަމަޢުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ސިފަ ބޭރުފުށުން ދެއްކުމަކީ، ހިޔަޅުގެ އުސޫލެވެ. އެއީ އުއްމަތުގެ މައްޗަށް ބަލާޖެއްސުމެވެ. ނަމަވެސް ޙައްގު ގާއިމުކުރުމަކީ، ހަމައެކަނި ތިމާގެ އަމިއްލަ މަސްލަހަތުގެ މައްޗަށް އޮތް ކަމެއްނޫނެވެ. އެއީ ހައްގާއި ބާޠިލުގެ ދެމެދުގައި ޙާކިމާ ހުކުމް ކުރަށްވާއިރު، މަޝްރިޤާއި މަޢުރިބުގެ ދެތަނޑިއަށް ވެސް ތެދުވެރި ވުމަށް މުސްލިމުންގެ މައްޗަށް ﷲ ވާޖިބު ކުރެއްވި ތަޢުހީދުގެ ހުކުމްފުޅެކެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ރާއްޖޭގެ ސިޔާސީ ޝަރުޢީ މުސްތަގު ބަލް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިދާނެ ގާނޫނީ ފުރުސަތުތަކެއް ވެރިކަން ހިންގުމުގެ ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނަށް ފުޅާ ދާއިރާއެއްގައި ގާނޫނީ ގޮތުން ލިބިދީފައި އޮތް ހިނދު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވިސްނުމާއި، މުޖުތަމަޢުގެ ވިންދާއި، ގުޅުންހުރި އެންމެހާ ކަންކަމުގެ މައްޗަށް ޙައްގު ގޮތުގައި މި މުހިއްމު ގައުމީ ވާޖިބުތައް އެބައަދާ ކުރެވޭހެއްޔެވެ؟
އަދުލު އިންސާފު ގާއިމު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ގުދުރަތުން އަޅުއްވާފައިވާ ބަޔަކީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި މުޖުތަމަޢުގެ ތެރޭގައި ހިމެނޭ އެފަދަ މީހުންކަމުގައި ވީހިނދު، ޔަގީނުންވެސް ތިމާގެ އަމިއްލަ މަސްލަޙަތާއި ގާތްތިމާގެ މީހާގެ އެދުމަށް ވުރެ، ބޮޑަށް މުޖުތަމަޢުގެ މަސްލަޙަތުގެ މައްޗަށް އިސްކަން ދެއްވުމަކީ، މިއަދު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ދީނީ އަދި ގައުމީ ވާޖިބަކަށް ވީހިނދު، އެދުމެއްގެ ކުރިމަތީގައި ތިމާ ހަރުރަކަށް ވެގެން ނުވާނެއެވެ. ހަރުދަނާ ސިޔާސީ ލީޑަރުންގެ ގިންތީގައި ތިބާ ހިއްސާވާށެވެ! އެއިރުން ތިބާމެން ބުރަ މަސައްކަތުން ހޯދީ ޢިލްމުގެ މަންފަޢާ ތިބާއަށާއި، ތިބާގެ އުއްމަތުގެ މައްޗަށް ކުރާނެއެވެ