މާލެއަށް މިހާރު ކުރިމަތިވެފައިވާ ތޮއްޖެހުމާއި އެހެނިހެން މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ

ސްކޫލްތައް އަޅާނީ މުޒާހަރާކޮށްގެން ބުނާ ތަނެއްގައެއް ނޫން: އާދަމް މަނިކު

އިބްރާހީމް ރާމިޒް

saragu-jagaha-27-12-2010-292-450-x-367

އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މާލެއަށް މިހާރު ކުރިމަތިވެފައިވާ ތޮއްޖެހުމާއި، އެހެނިހެން މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށާއި، އެކަމުގެ ކޮޅުމަތި މިހާރުވެސް މާލޭގެ ބައެއް ދިމާތަކުން ފެންނަން ހުންނާނެކަމަށް މައްޗަން ގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ރޭ މއ.ދިވިލީގައި ހުޅުވި “ސަރަނގު ވެށިފަހި މާލެ” ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރަނގު އާދަމް މަނިކު އިތުރަށް ވިދާޅުވީ ޢަރަބިއްޔާ ސްކޫލް އަޅަން ސަރުކާރުން ތަނެއް ހަމަޖެއްސީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާ ސަރުކާރުން ހަމަޖައްސާގޮތް އެއީ މަގުމަތީގައި މުޒާހަރާކޮށްގެން ބަދަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރައްވަނީ ދުރު މުސްތަޤަބަލަކަށް ވިސްނާފައި، ފުރިހަމަ ޕްލޭންތަކެއް ކުރެވިގެން އެކަމެއް ކުރެވެން އޮންނަ އެންމެ ރަގަޅު ގޮތަށް ސަރުކާރާއި ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތަށް ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި މިހާރު ތިބި ދަރިވަރުންގެ ދެބައިކުޅައެއްބައަކީ ރާއްޖެތެރޭގެ ދަރިވަރުންކަމަށެވެ. އެހެންކަމުން މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދޭނީ ރާއްޖެތެރޭގެ ދަރިވަރުންނަށް ރާއްޖެތެރޭގައި ތިބެގެން އެ ތައުލީމު ހާޞިލުކުރުމުގެ ފުރުޞަތު ހޯދައިދެވިގެން ކަމަށާއި އަދި މިހާރުގެ ސަރުކާރުގެ އަމާޒަކީ ޢަރަބިއްޔާ ސްކޫލްގައި މިހާރުދެވޭ ތައުލީމު ރާއްޖެތެރެއިން ކުދިންނަށް ހާޞިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
“ސަރަނގު ވެށިފަހި ޖަގަހަ” ހުޅުއްވައިދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މި ރަސްމިއްޔާތަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެފަރާތްތަކުގެ ތާޢީދު އޮތްކަން ހާމަކޮށްފައިވެއެވެ.
މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވަރަށް ޤާބިލް 11 ބޭފުޅަކު ވާދަކުރައްވައެވެ.