ފޮނަދޫ އެމްޑީޕީ ދޮރުންދޮރަށް ކައުންސިލް ކެމްޕޭން ރޭ ރަސްމީކޮށް ފަށައިފި

އިބްރާހީމް ރާމިޒް

new-image

މެދު ދެކުނު ޕްރޮވިންސްގެ ލ.ފޮނަދޫއިން އެމްޑީޕީ ޓިކެޓްގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ޑޯރ ޓު ޑޯރ (ދޮރުން ދޮރަށް) ކެމްޕޭން ރަސްމީކޮށް ރޭ ފަށައިފިއެވެ.
ރާއްޖޭގައި އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މި ޚާއްޞަދުވަހާއި ގުޅުވައިގެން އެމްޑީޕީ ފޮނަދޫ މެންބަރުންގެ ތެރެއިން ގްރޫޕަކާއި ކެންޑިޑޭޓުން އެކީ އެކައްޗެއްގެ ގޮތުގައި ނުކުމެ ރޭގެ ކެމްޕޭން ފަށާފައިވަނީ 8.30 ގައެވެ. ރޭގެ 11 ޖަހަންދެން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕޭނުގައި ފޮނަދޫގެ ބަރާސިލް އަވަށުން ކަނޑައަޅާފައިވާ “އޭ ބްލޮކް” އެއްކޮށް ކަވަރު ކުރެވިފައި ވާކަމަށް ފޮނަދޫ އެމްޑީޕީ ކެމްޕޭން ޓެކްނިކަލް ކޮމިޓީން މަޢުލޫމާތު ދެއެވެ.
“ރޭގެ ކެމްޕޭން ކުރިއަށް ގެންދިޔައީ ވަރަށްބޮޑަށް ޕްލޭން ކުރެވި ގްރިޑް މެޕްގައިވާގޮތަށް. ކެމްޕޭން ޓެކްނިކަލް ކޮމިޓީއާއި އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން ކެންޑިޑޭޓުންނާއި ޢާއްމު މެންބަރުންގެ ތެރެއިން ގްރޫޕެއް ރޭގަ ނުކުތީ.” ކެމްޕޭން ކޮމިޓީގެ މީޑިއަރ ކޯޑިނޭޓަރ އަޙްމަދު ރަޝީދު މިސައިޓަށް ރޭގެ ކެމްޕޭން ކުރިއަށް ގެންދިޔަގޮތް ހިއްސާކުރަމުން މަޢުލޫމާތު ދިނެވެ.
ރޭގެ ކެމްޕޭންގައި “އޭ ބްލޮކްގެ” ހުރިހައި ގެއަކަށް ވަދެ އެމްޑީޕީގެ ކެންޑިޑޭޓުން ތަޢާރަފްވެ ކެމްޕޭން ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އަތޮޅު ކައުންސިލަށް ކުރިމަތި ލައްވާފައިވާ މާމެންދޫ ކެންޑިޑޭޓްގެ ތަޢާރަފްވެސް ރޭގެ ކެމްޕޭންގައި ކަވަރު ކުރެވުނު ގޭބިސީ ތަކާއި ހިއްސާކުރެވުނު ކަމަށް މީޑިއާ ކޯޑިނޭޓަރ މަޢުލޫމާތު ދެއެވެ.
“ފޮނަދޫގެ ރައްޔިތުންގެ ފަރާތުން ރޭގެ ކެމްޕޭންގައި ލިބިގެންދިޔަ އެއްބާރުލުން އެމްޑީޕީ ފޮނަދޫ މެންބަރުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަނީ ފޮނަދޫ ރައްޔިތުންނަކީ ކިޔަމަންތެރި، ހިކްމަތްތެރި ހެޔޮ އަޚްލާޤެއްގެވެރި ބައެއްގެ ގޮތުގައި ދެކެމުން.” ފޮނަދޫ އެމްޑީޕީ ހަރުގޭގައި މަރުކަޒު ކުރެވިފައިވާ އެމްޑީޕީ ކެމްޕޭން ކޮމިޓީން ފާހަގަ ކުރެއެވެ.