އެމް.ޑީ.ޕީގެ ޢާއްމު ބައްދަލުވުމެއް ފޮނަދޫ ހަރުގޭގައި ރޭ ބާއްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޢާއްމު ބައްދަލުވުމެއް ފޮނަދޫ އެމްޑީޕީ ހަރުގޭގައި ރޭ ބާއްވައިފިއެވެ.
ރޭގެ ޖަލްސާގައި ފޮނަދޫގެ ހުރިހާ ކެންޑިޑޭޓުން ޕާޓީގެ ޢާއްމު މެންބަރުންނާއި މުޚާޠަބް ކޮށްފައިވެއެވެ. ކެންޑިޑޭޓުންގެ ވާހަކައިގައި ލޯކަލް ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންވީ ކީއްވެގެން ކަމާއި އެހެން ފަރާތްތަކެއް ހޮވިއްޖެނަމަ ފެނިގެންދާނީ މިހާރުވެސް ރައްޔިތުންގެ މަޖްލީހުން ފެނިގެންދާ މަންޒަރު ކަމަށް ވާހަކަ ދެއްކި ބައެއް ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީ ކެންޑިޑޭޓުން ތަޢާރަފް ކުރުމަށް ތައްޔާރު ކުރެވިފައި ވީޑިއޯ ޕްރެސެންޓޭޝަނެއް ދެއްކުންވެސް ރޭގެ ޖަލްސާގައި އޮތެވެ. އެ ޕްރެސެންޓޭޝަންގެ ޒަރީޢާއިން އެމްޑީޕީން އަތޮޅު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ މާމެންދުއަށް އުފަން ކެންޑިޑޭޓް ޢާއްމު މެންބަރުންނާއި މުޚާޠަބް ކޮށްފައިވެއެވެ.
ރޭގެ ޖަލްސާވެސް ނިމިގެން ދިޔައީ އެމް.ޑީ.ޕީގެ ޖަލްސާތަކާއި ޙަފްލާތައް ޢާއްމުގޮތެއްގައި ނިންމާ ބީދައިން ޚާއްޞަ ދުޢާއަކުންނެވެ. އަދި އެއަށްފަހު ބޮނޑިބަތް މީރުކޮށްލެއްވުމެއްވެސް ހިމެނިފައި އޮތެވެ.
9 ޑިސެމްބަރު 2010 ގައި ހުޅުވިގެންދިޔަ ހަރުގޭގައި ހަފްތާއަކު އެއްރޭ މިފަދަ ޢާއްމު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް ފޮނަދޫ އެމްޑީޕީ ހަރުގެއިން މަޢުލޫމާތު ދެއެވެ.