ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވައިފި

މިއަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ ތެރޭގައި، މިއަދު ހެނދުނުޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގެ ނަމުގައި ގެނެވުނު ހަމަހިމޭންކަމުގެ އެއްމިނިޓްގެ ސުކޫތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން، މިސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީ، ދިވެހި ސިފައިންނާއެކު، ކަޅުތުއްކަލާކޮށި ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ.

މި ސުކޫތަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީއަކީ، މިހާތަނަށް ދިވެހިން ދުށް އެންމެބޮޑު ކާރިސާކަން ފާހަގަކުރައްވަމުން، އެދުވަހުގެ ބިރުވެރިކަމާއި ލިބުނު ހިތާމައިގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެ ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ސިފައިން ވެދެއްވި އެހީތެރިކަމާއި، ކޮށްދެއްވި ޚިދްމަތަކީ، ދިވެހި ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ޚިދްމަތެއް ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ހުރިހާ ދިވެހިންގެ ފަރާތުން ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ދެކޭނީ، ކުރިއަށްއޮތް ތަނުގައިވެސް މިބާވަތުގެ ހާދިސާތަކަށް ދިވެހިރާއްޖޭގެ ސިފައިން އިރާދަކުރެއްވިއްޔާ، އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމުގައެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުންނާއި އަދި އިޖްތިމާޢީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މިދިޔަ ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ގެތަކުގެ ތެރެއިން 50 ގެއެއްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ގެއެއް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމުމުގެ އެކި މަރުޙަލާގައި ކަމުގައި ވިދާޅުވިއެވެ. އަދި މި 50 ގެއަށް ބޭނުންވާ ފައިސާވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.