ނޫސް ވެރިންނަށް ހަމަލަ ދެނީ އެމްޑީޕީ އަޑީގައި އޮވެގެން ކަމަށް ޑީއާރުޕީ އިން ބުނާ ބުނުން ކުށްވެރިކުރުން

19 މާރޗް 2010

ނޫސް ވެރިން ނަށް ފަހަކަށް އައިސް ދެމުންދާ ޙަމަލާ ތަކަކީ އެމްޑީޕީ އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށް ޑީއާރުޕީ އިން ބުނާ ބުނުމަކީ ކަމުގެ އެއްވެސް ޙަގީގަތެއް ބެލުމެއް ނެތި ރައްޔިތުންނަށް އޮޅުވާލައި ސިޔާސީ މަންފާ އެއް ހޯދުމަށްޓަކައި ޑީއާރުޕީ އިން ދައްކާ އެއްވެސް ތާކުން ތާކު ނުޖެހޭ ދޮގު ވާހަކަތަކެކެވެ.

ނޫސް ވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެމްޑީޕީ ގެ އިސްނެގުމާއި ބުރަ މަސައްކަތުގެ އިތުރުން އިސްލާޙަށްޓަކައި މަސައްކަތް ކުރި އެތައް ބޭފުޅުން ކޮޅެއްގެ މިންނެއް މަސައްކަތުން މިޤައުމަށް މިއަދު ލިބިފައިވާ ނުހަނު ބޮޑު ކާމިޔާބީ އެކެވެ. މިފަދަ ބޮޑު ކާމިޔާބީ ތައް ކަފުން ކުރުމަށްޓަކައި މަސައްކަތް ކުރާނީ މާޒީގައި ވެސް ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ދެކޮޅު ހައްދަވައި، ދިވެހިންގެ ދުލާއި ގަލަމުގައި މަލަން އަޅައި، ދީން އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރި ބަޔެކެވެ. މިފަދަ ފިނޑި ޢަމަލު ތަކަކީ މިޕާރޓީ އިން އަބަދުވެސް ހަރު އަޑުން ކުށްވެރި ކުރާ ކަމެކެވެ.
ވީމާ ޑީއާރުޕީ އިން މިފަދަ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުދެއްކުމަށާއި، ޤައުމުގެ މަސްލަޙަތު ގެއްލޭ އަދި ރައްޔިތުންނަށް އޮޅޭފަދަ ގޮތް ތަކަށް ޢަމަލު ކުރުން ހުއްޓާލުމަށް ގޮވާލައި، ޑީ،އާރް،ޕީގެ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.