މަރުގެ އިންޒާރުން ބިރުގެންނެވުން ކުށްވެރިކުރުން

16 މާރޗް 2010

މިފަހަކަށް އައިސް ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވެވަޑައިގަންނަވާ ބޭފުޅުންނަށާއި އެބޭފުޅުންގެ ޢާއިލާއަށާއި މީޑިޔާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މަރުގެ އިންޒާރާއި އަދި މިނޫންވެސް އިންޒާރު ދިނުން ގިނަވެއްޖެކަން މިޕާޓީއަށް އެނގިފައިވެއެވެ.

އަޅުގަނޑުމެންގެ މުޖްތަމަޢުގެ ޢާންމު މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ފަސް ކަމެއް ޙިމާޔަތްކުރުމަށް އަޅުގަނޑުމެންގެ ދީން އަންގައެވެ. އެއީ އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ފުރާނައާއި، އަޅުގަނޑުމެންގެ ހަމަ ވިސްނުމާއި، އަޅުގަނޑުމެންގެ ބުރަކަށިތަކުން ފާޅުވާ އަޅުގަނޑުމެންގެ ނަސްލާއި، އަޅުގަނޑުމެންގެ މުދަލެވެ. ފަހެ މީގެން އެއްވެސް ކަމަކަށް އަރައިގަނެފި ކޮންމެ މީހަކި ފަސާދަވެރިއެކެވެ. އަދި މީގެން އެއްކަމެއްގެ ޙައްޤުގައިކަމަށް ބުނެ އަނެއްކަމެއްގެ ޙައްޤަށް އަރައިގަތުމަކީވެސް ހުއްދަކަމެއް ނޫނެވެ.

ވީމާ މިކަންކަން ވަރަށް ސީރިއަސް ގޮތެއްގައި ނަންގަވައިގެން، ފުލުހުން މިކަމުގެ ތަޙްޤީޤުތައް ކުރައްވައި، އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށާއި އަދި މިފަދަ އިންޒާރުދޭ އަނިޔާވެރިންނާއި އެމީހުންގެ ނިވާފަތްގަނޑުގައި ފިލާ ތިބެގެން ހިތްވަރުދޭ މީހުން ހޯދުމަށް މިޕާޓީން ހަރުއަޑުން ގޮވާލަމެވެ.
އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދެވި ހިފައިފައިވާ މީހުން ކުރާ މިފަދަ ޢަމަލުތައް މިޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.