ޝައިޚުލްއަޒްހަރު ފަޟީލަތުއްޝައިޚު މުޙައްމަދު ސައްޔިދް ޠަންޠާވީ އަވަހާރަވުމުގެ ހިތާމާގައި ތަޢުޒިޔާ ކިޔުން

10 މާރޗް 2010 (ބުދަ)

މިޞްރުގެ އަޒްހަރު ޔުނިވާސިޓީގެ އެންމެ އިސް ޝައިޚު، ފަޟީލަތުއްޝައިޚު މުޙައްމަދު ޝައިޚު ޠަންޠާވީ ކުއްލި ގޮތަކަށް މިއަދު އަވަހާރަވުމާ ގުޅިގެން މިޕާޓީގެ ފަރާތުން އެމާތް މަރްޙޫމްގެ މައްޗަށް ތަޢުޒިޔާ ކިޔަމެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންކަމަށް ވާއިރު، އައްޝައިޚު ޠަންޠާވީއަކީ އަޅުގަނޑުމެން ދިވެހިން ތަބާވާ ސުންނަތް ޖަމާޢަތުގެ ދީނީ ދަލީލުތަކަށް ބުރަވެވަޑައިގެން، ދީނުގެ އަޞްލުތަކާ ޚިލާފުނުވާ ގޮތަށް، ބުއްދިފުޅުގެ ފުރިހަމަ ބޭނުންކުރައްވައިގެން ފަތުވާ ނެރުއްވި މާތް ދަންނަބޭކަލެއްކަމަށް މިޕާޓީން ފާހަގަކުރަމެވެ.

މިގޮތުން ދީނުގައި ހައްދުފަހަނަ އަޅައި ދިޔުމަކީ އިސްލާމް ދީނަށް ޢަދާވާތްތެރިވުންކަމަށާއި، ޖިހާދު ކުރުމުގެ ޙަޤީޤީ މާނައާއި ހައްދު ފަހަނައަޅާފައިވާ މީހުން ކުރާ ޖިހާދާ، އުޑާއި ބިމާހާ ތަފާތުކަމަށް މާތް މަރްޙޫމް ވިދާޅުވެފައިވާކަން މިޕާޓީން ފާހަގަ ކުރަމެވެ.
މާތް މަރްޙޫމްގެ ޙަޔާތްޕުޅުގެ ސީރަތުން އަޅުގަނޑުމެން ދިވެހީންނަށް ފިލާވަޅުތަކެއް ދަސްވުމުގެ ތައުފީޤު މާތް ރަސްކަލާނގެ ދެއްވުމަށް އެދި ދުޢާ ކުރަމެވެ. އަދި މާތް މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ.
އާމީން.