ޑީއާރުޕީން ކައުންސިލް އިންތިޚާބުތައް ކާމިޔާބުކޮށްފިނަމަ މިރާއްޖެ ސިޔާސީ އަދި އިޤްތިޞާދި ތަދުމަޑުކަމެއް ތަހައްމަލް ކުރަން ޖެހޭނެ – އަލްހާން

6 މާރޗް 2010
ބަޔަކު ކިތަންމެ ނުރުހުނަސް މިރާއްޖޭގައި ހިންގޭނީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި، ޑީއާރުޕީން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކޮށްފިނަމަ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ވިޔަނުދިނުމަށް ޑީއާރުޕީން މަސައްކަތްކޮށް މިރާއްޖެ ސިޔާސީ އަދި އިޤްތިޞާދީ ތަދުމަޑު ކަމެއް ތަހައްމަލް ކުރަންޖެހޭނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ވިލޭރޭ ގއ.ކޮލަމާފުށީގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ “ފާއިތުވެގެންދިޔަ 30 އަހަރުގެ ވެރިކަމުގެ ނުތަނަވަސް ކަމާއި އަދުލު އިންސާފުން އެއްކިބާވެ ތިބެ ކޮށްފައިވާ ކަންތައްތަކަށް ފާޑު ކިޔަން ޖެހޭނޭ” ކަމުގައެވެ. އަދި ކޮންމެ ސިފައެއްގައި ނަމަވެސް ބަޔަކު ރަގަޅު ކަމެއް ކޮށްފައިވާނަމަ އެކަމުގެ ވާހަކަ ވެސް ދައްކަން ޖެހޭނެ ކަމުގައެވެ. އަދި ޑިއާރުޕީގެ ލީޑަރޝިޕުން ޒިންމާދާރު އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރި ނުވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޤާނޫނީ ގޮތުން އުފެދިފައިވާ އެމްޑީޕީ އިއްތިހާދުގެ ސަރުކަރު ވައްޓާލުމަށް ކަމުގައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ގުޅުމުގެ ފުރުޞަތު ލިބިގެން ދިޔުމަކީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވަމުން އަލްހާން ވިދާޅުވީ “އަޅުގަނޑުމެން މިދެކޭ ވެރިކަމާ މިއަދު މިރާއްޖޭގައި ގާއިމްވެފައި މިއޮތް ދުސްތޫރީ ނިޒާމް ގެނައުމުގެ އެންމެ ބޮޑު ހިއްސާއެއް. އެންމެ މުހިއްމު ދައުރެއް އަދާކުރީ މިޕާޓީ (އެމްޑީޕީ) އާ މިޕާޓީގެ ފަރާތުން މިރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު” ކަމުގައެވެ.
ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖެގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއްކަން ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވަމުން އަލްހާން ވިދާޅުވީ “އަޅުގަނޑަށް ތަޞައްވުރު ކުރެވެނީ ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރަކީ ތިޔާގި، އިޖުތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބޯހިޔާވަހި ކަމެއްގެ ތެރޭގައި މަސްތުވާތަކެތިގެ ވަބާއިން ސަލާމަތްވެފައިވާ، ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މިރާއްޖޭގެ ކުދި ކުދި ޖަޒީރާ ރަށްތަކުގެ މެދުގައި ފާގަތިކަމާއެކު ދަތުރު ކުރަމުންދާ ދުޅަހެޔޮ، ސިއްހަތު ރަގަޅު ރައްޔިތަކު ދިރިއުޅެމުންދާ ރާއްޖެއެއް ” ކަމުގައެވެ.