ސިއްރު އެޖެންޑާއެއްގެ ދަށުން ޑީއާރުޕީއަށް ވެރިކަން ހޯދަން އެޕާޓީން ހިޔަންޏަށް މުޑިނަގަމުންދާ ކަމަށް ބާރަށު ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ހއ. މުރައިދޫ އިން އިބްރާހީމް ރާމިޒް

ވަރަށް ސިއްރު އެޖެންޑާއެއްގެ ދަށުން ޑީއާރުޕީއަށް ވެރިކަން ހޯދުމަށް އެޕާޓީން މަސައްކަތްކުރަމުންދާ ކަމަށާއި، ވެރިކަމުގެ ދަހިވެތި ކަމުގައި ޑީއާރުޕީން އެކުރަމުންދާ މަސައްކަތަކީ ހިޔަންޏަށް މުޑި ނެގުން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރޭ މިރަށުގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ޑީއާރުޕީގެ ޓިކެޓްގައި ކައުންސިލްތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ހޮވިއްޖެ ނަމަ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސައި މިސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަށް މަސައްކަތްކުރުމަށް އެޕާޓީން ބުނަމުންދާ ކަމަށާއި، މިއީ މަކަރުވެރި ރޭވުމެއްގެ ދަށުން ސަރުކާރާއި ރައްޔިތުން ޖައްސައި، މި ސަރުކާރަށް ރައްޔިތުން މިއެދޭ ބަދަކު ނުގެނެވެނެކަން ދެއްކުމަށް ޑީއާރުޕީން ރާވާފައިވާ ސިއްރު އެޖެންޑާއެއް ކަމަށާއި، އެހެން ނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި ކިތަންމެ ވަރަކަށް ޑީއާރުޕީން ހިޔަންޏަށް މުޑިނެގިޔަސް ދެން މިރާއްޖޭގެ ވެރިކަން ޑީއާރުޕީއަށް ނުލިބޭނޭ ކަމަށެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ އަނެއް ދިވެހިރާއްޖެ ރަށަށް ރައްޔިތުން ގެންގޮސް ރައްޔިތުން ބާރުވެރިކުރުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓުވުމަކީ ޑީއާރުޕީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކިތަންމެ ވަރަކަށް ޑީއާރުޕީން ހުރަސް އެޅި ނަމަވެސް، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މުރައިދޫގެ ގޮނޑިތައް އެމްޑީޕީން ކަމިޔާބުކޮށް، މި ރަށުގެ ރަށުކައުންސިލް މެދުވެރިކޮށް ދައުލަތުގެ ބަޖެޓްގައި މުރައިދޫއަށް ކޮށްދޭން ކަނޑައަޅާފައިވާ ކަންތައްތައް ކޮށްދެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައެވެ. އެގޮތުން މިފެށޭ 2011 ވަނަ އަހަރު މުރައިދޫގައި ނަރުދަމާގެ ނިޒާމް އެޅުމަށް ބެނުންވާ ފައިސާއާއި، ލުއިލޯނުގެ ދިނުމަށް 3 މިލިޔަން ރުފިޔާއާއި ފާމަސީގެ ޚިދުމަތާއި ޓެލެމެޑިސިންގެ ޚިދުމަތް ދިނުމަށް ބަޖެޓް މަގުފަހިކޮށްދޭ ކަމަށެވެ.
ޝިފާޒްގެ ވާހަކަފުޅުގައި ޑީއާރުޕީގެ ލީޑަރަކީ ކާކުކަން ޚުދު އެޕާޓީގެ މެންބަރުންނަށް ވެސް އޮޅިފައިވާ ކަމަށާއި، އެހެންކަމުން މުސްތަޤްބަލެއްނެތް، ކޯޅުން ބޮޑު ޕާޓީއަކަށް ވޯޓުދީގެން ވޯޓު ބޭކާރުކޮށް ނުލުމަށް މިރަށުގެ ރައްޔިތުންނަށް ޝިފާޒް ގޮވާލެއްވިއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އިންތިޚާބަކީ ކޮރަޕްޝަނާއި ފަސާދައިން ފުރިފައިވާ ވެރީންގެ ކިބައިން ސަލާމަތްވުމަށް މިރަށުގެ ރައްޔިތުން އަބަދުވެސް އިންތިޒާރުކުރަމުން އައި އިންތިޚާބެއް ކަމަށާއި، މުރައިދޫގެ ރައްޔިތުން އެދޭ ބަދަލު އައުމުގެ ކޮޅުމަތި އަދިކިރިޔާ މި ފެނުނީ ކަމަށް ވިދާޅުވިއެވެ.
މިރަށުގައި އެމްޑީޕީން ބޭއްވި ޖަލްސާއަކީ ހއ.އަތޮޅުގެ ރަށްރަށަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިން ދަތުރު ނިންމާލުމުގެ ގޮތުން ބޭއްވި ޖަލްސާއެވެ. މި ޖަލްސާގައި ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި މިރަށު ރަށު ކައުންސިލަށް ވާދަކުރައްވާ ޒުވާން 5 ކެންޑިޑޭޓުން ތަޢާރަފްކޮށް އެރުވުނެވެ. އެކެންޑިޑޭޓުންގެ ފަރާތުން ވާހަކަދެއްކެވި އަހުމްދު ޙަނީފް ވިދާޅުވީ ބައެއް ފަރާތްތަކުން އެބޭފުޅުންނާ މުޚާޔަބުކޮށް ” ތިއީ އަދި ކުޑަކުޑަ ކުދިންނެއް ނޫންހޭ” ބުނަމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް ދޭން އޮތް މެސެޖަކީ އެއީ މުޅިން އާ އޮޑިތަކެއް ކަމަށާއި ކިތަންމެ ވަރަކަށް ދުއްވިޔަސް ދިޔަނުވާނޭ ކަމުގެ މެސެޖްކަމަށެވެ.
މި ޖަލްސާގައި ޝިފާޒްގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާއާއި، މަޑަވެލި ދާއިރާގެ މެންބަރު މުހަންމަދު ނަޒިމްއާއި، އިހަވަންދޫ ދައިރާގެ މެންބަރު އަޙުމަދު ޢަބްދުﷲގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވެސް ވާހަކަ ދެއްކެވިއެވެ.
އެމްޑީޕީގެ ވަފްދު މުރައިދޫއަށް މި ވަޑައިގަތީ މޮޅަދޫ، މާރަންދޫ އަދި ތަކަންދޫ އަށް ވަޑައިގަތުމަށްފަހު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. މި ވަފްދުގެ ބޭފުޅުން ތަކަންދޫގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުއްވައިދެއްވިއެވެ. އަދި ހަމަ މިވަފްދުގެ ބޭފުޅުން ވަނީ އުތީމުގައި އިއްޔެ ހަވީރު ކެމްޕެއިން ޖަލްސާ ބާއްވާފައެވެ.،