ހަމައެކަނި ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަކުން ނުފުދޭ – ރައީސް

ހއ. ދިއްދޫ އިން އިބްރާޙީމް ރާމިޒް

dsc_1063

ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރުމަކުން ހަމައެކަނި ފުދުނީކީ ނޫން ކަމަށާއި، އެ ކައުންސިލްތަކުން ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުން މުހިންމު ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހއ.އަތޮޅަށް މިހާރު ކުރަމުންދާ ކެމްޕެއިން ދަތުރުގައި ބުރާސްފަތި ދުވަހުގެރޭ މިރަށުން އެމްޑީޕީގެ ޓީމާ ގުޅިވަޑައިގެން، މިރަށުގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކެލައިން އައްޑޫއަށް އެމްޑީޕީން ދަތުރުކޮށް އެޕާޓީގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވާ ކަމަށާއި، އެމެނިފެސްޓޯގައި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށް ބާރުއަޅައި، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިކުރުމަށް ކަނޑައަޅާފައިވާނޭ ކަމަށެވެ.
މިރަށުން އެމްޑީޕީގެ ޓިކެޓްގައި ރަށު ކައުންސިލަށް ވާދަކުރައްވާ 7 ކެންޑިޑޭޓުންނާއި، ދިއްދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ 2 ބޭފުޅުން ތަޢާރަފްކޮށް އެބޭފުޅުންނަށް ތާޢީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅު ގައި އެމްޑީޕީގެ ފަސް ވައުދުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަދަނައިގައި ދިއްދޫ އިން އެކަނިވެސް 644 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށާއި، ދިއްދޫގެ ދޮށީ އުމުރުގެ 170 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ލިބޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުރިހާ ފަގީރުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށާއި، އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ޕެންޝަން ހައްގުވަނީ ހަމައެކަނި ސަްރުކާރުގެ ނުވަތަ ސިވިލްސަރވިސްގެ މުޥައްޒަފުންނަށް އެކަނި ނޫން ކަމަށާއި، މަސްވެރިންނާއި ދަނޑުވެރިންނާއި، އެނޫން އެހެން ފަރާތްތަކަށް ވެސް ޕެންޝަން ހައްގުވާ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިއްދޫގައި ހުންނަ މިއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގައި ވަރަށް އަވަހަށް އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާނޭ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިން ބާނަ މަހުގެ އަގު 14 ރުފިޔާ އަށް މަތިކުރެއްވޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ދިގު މުއްދަތަކަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 ފްލެޓް އެޅުމުގެ މަޝްރޫއުގެ ކަންތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދިއްދޫގެ ހުޅަނގު ދެކުނު ފަރާތުން ވަރަށް ބޮޑަށް ގިރަމުންދާތީ އެސަރަހައްދު ހުކުރު ދުވަހު ހެނދުނު ބައްލަވާލައްވާނޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ހއ. އަށް ކުރަމުންދާ ކެމްޕެއިން ދަތުރުގައި މިރަށުގައި ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ހއ، އަދި ހދ. ގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުންނެވެ.
އެމްޑީޕީން ހއ. އަށް ކުރަމުން މިގެންދާ ކެމްޕެއިން ދަތުރުގައި އިއްޔެ މިރަށުގެ އިތުރުން އިތުރު 4 ރަށަކަށް ޒިޔާރަތްކުރެއްވިއެވެ. އެއީ ފިއްލަދޫ، ބާރަށް، ކެލާ އަދި ވަށަފަރެވެ. މިއިން ކޮންމެ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުން ތަޢާރަފްކޮށް، އެބޭފުޅުންނަށް ތާޢީދު ހޯދުމުގެ ގޮތުން އެމްޑީޕީން އެރަށްރަށުގައި ބައްދަލުވުން ބާއްވާފައިވެއެވެ.
އެމްޑީޕީން ހއ. އަތޮޅަށް ކުރަމުންދާ ކެމްޕެއިން ދަތުރުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބްދުﷲ އާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު އާއި، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްގެ އިތުރުން، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އަދި މަޑވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ބައިވެރިވެވަޑައިގަންނަވައެވެ.